ކާބުލް (އޮގަސްޓް 31): އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަކީ އަފްޣާންގެ ރައްޔިތުންނަށް ލިބުނު ނަސްރެއްކަމަށް އެ ގައުމުގެ ވެރިކަމާ ހަވާލުވެގެން އުޅޭ ތާލިބާން ޖަމާއަތުން ބުނެފިއެވެ.

ކާބުލްގައި ވާހަކަ ދައްކަވަމުން ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ބުނީ އެމެރިކާއިން އެ ގައުމުން ފޭބުމަކީ އަފްޣާނިސްތާނަށް އަރައިގަންނަ އިސްތިއުމާރީ އެހެން ބާރުތަކަށް ލިބުނު ފިލާވަޅެއްކަމަށެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަކީ އަފްޣާން ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށް ބުނެ އެކަމަށްޓަކައި އަފްޣާން ހުރިހާ ރައްޔިތުންނަށް ތަހުނިޔާ އޭނާ ވަނީ ތަހުނިޔާ ކިޔާފައެވެ.

އެމެރިކާ ގެ މައްޗަށް ނަސްރު ހޯދިފައިވަނީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި އަފްޣާން ރައްޔިތުން ވީ އާދަޔާ ޚިލާފު ގުރުބާނީތަކެއްގެ ސަބަބުންކަމަށާއި އެކަމަށްޓަކައި ތާލިބާން ހަނގުރާމަވެރިން ހިމެނޭގޮތަށް އަފްޣާން ރައްޔިތުންނަށް ޝުކުރުއަދާކުރާ ކަމަށްވެސް ތަރުޖަމާން ބުނެފައިވެއެވެ.

ތާލިބާންގެ އެލީޓް ފޯސް ބަދުރު 313 އަށް ނިސްބަތްވާ ހަނގުރާމަވެރިއެއް

އަފްޣާނިސްތާނުން އެމެރިކާ ފާބައިފައިވާތީ އެމެރިކާއާއެކު ރަނގަޅު ގުޅުންތަކެއް ގާއިމްކުރަން އަފްޣާނިސްތާނުން ބޭނުންވާ ކަމަށާއި އެމެރިކާއާ ދުޝްމަންކަން ބާއްވަން ބޭނުން ނުވާކަމަށްވެސް ތާލިބާނުންގެ ތަރުޖަމާނު ބުނެފައިވެއެވެ. އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ ކަންތައް ރޭ ނިމި އެމެރިކާ ސިފައިންގެ އެންމެފަހު މީހާ ރޭ ކާބުލްއެއާޕޯޓުން ފުރާފައިވާކަން އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަން އިން ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ.

ދެހާސް އެއް ވަނަ އަހަރު ގަދަބާރުން އަފްޣާނިސްތާނަށް އަރައިގަތް އެމެރިކާ ސިފައިން 20 އަހަރުވަންދެން އަފްޣާނިސްތާނުގައި ހަނގުރާމަކޮށްފައިވާއިރު އެމެރިކާގެ އަތްދަށުން އަފްޣާން އާންމުންގެ ހަތްލައްކައަށްވުރެ ގިނަމީހުން މަރުވެ މިލިޔަނަކަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން އެމެރިކާގެ ބައެއް ސިފައިން އަފްޣާން އާންމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ބޮޑެތި ބިރުވެރި ޖަރީމާތައްވެސް ހިިންގާފައިވެއެވެ. މީގެތެރޭގައި އަފްޣާން ރައްފުށުގެ ގެތަކަށް ވަދެ އެގެތަކުގައި ހުޅުޖެހުމާއި އަފްޣާން މީހުންގެ މަރުވެފައިވާ ހަށިތަކާއެކު ފޮޓޯނަގައި މަޖާކުރުމާއި މަރުވެފައިވާ މީހުންގެ ހަށިތަކަށް ކުޑަކަމުދާ މަންޒަރުތަކުގެ ފޮޓޯ ނަގައި އެފޮޓޯތައް މީސް މީޑިއާ އަށް ލުންފަދަ ލާއިންސާނީ އަމަލުތައް ހިމެނެއެވެ.

ތާލިބާނުންގެ އެލީޓް ފޯސް (ބަދުރު 313)

އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި މައިގަނޑު ގޮތެއްގައި ހަނގުރާމަ ކުރީ އަލްގާއިދާ ޖަމާއަތާ އަދި ތާލިބާން ޖަމާއަތާއެވެ. އެމެރިކާގެ ހަމަލާތަކުގައި މަރުވި ތާލިބާން ހަނގުރާމަވެރިންގެ ހަގީގީ އަދަދު ނޭންގުނު ނަމަވެސް ތާލިބާނުންގެ ދޮޅު ލައްކައަކަށްވުރެ ގިނަ ހަނގުރާމަވެރިން އެމެރިކާގެ ހަމަލާތަކުގައި މަރުވެފައިވާނެކަމަށް އެމެރިކާ ވަނީ އަންދާޒާކޮށްފައެވެ.

ތާލިބާނުންނާއި އަފްޣާން އެހެން ޖަމާއަތްތަކުން ފާއިތުވި ވިހި އަހަރުތެރޭގައި އެމެރިކާ ސިފައިންނާ ދެކޮޅަށް ދިން ދިފާއީ ހަމަލާތަކުގައި އެމެރިކާގެ 2200 އަށްވުރެގިނަ ސިފައިން މަރުވެ 20 ހާހަހަށްވުރެ ގިނަ ސިފައިން ޒަޚަމްވިކަމަށް އެމެރިކާގެ ރިޕޯޓްތައް ބުނެއެވެ.

ތާލިބާނުން ދާދިފަހުންވަނީ އެޖަމާއަތުގެ ހަނގުރާމަވެރިންގެ ތެރޭގައި ބަދްރު 313 ގެ ނަމުގައި އެލީޓް ފޯސްއެއް އޮންނަކަން ހާމަކޮށްފައެވެ. ހުޅަނގުގެ ދިފާއީ މަސްދަރުތައް ބުނާގޮތުން މިއީ ޒަމާނީ ހަތިޔާރުއަޅާފައިވާ އަދި އެންމެ ޒަމާނީ ތަމްރީން ދީފައިވާ ގާތްގަނޑަކަށް 30،000 މީހުން ހިމެނޭ ވަރުގަދަ ލަޝްކަރެކެވެ. ތާލިބާނުން ކާބުލް ހިފުމާއެކު އަފްޣާން ސިފައިންގެ ލަޝްކަރުތައް ރޫޅިގެން ދިޔުމުން އެމެރިކާ ސިފައިން އަފްޣާން ސިފައިންނަށް ދީފައިވާ ޒަމާނީ ހަތިޔާރުތައް ތާލިބާނުންގެ މި އެލީޓް ލަޝްކަރުގެ އަތްދަށަށް ގޮސްފައިވާކަމަށްވެސް އަސްކަރީ ރިޕޯޓްތައް ބުނެއެވެ.

ތާލިބާން ހަނގުރާމަވެރިންގެ ގޮތުގައި އާންމުކޮށް ފެންނަނީ އަފްޣާން އާންމުން އަޅާކަހަލަ އާދައިގެ ހެދުންލައިގެން ފަގުޑިއެއް އަޅައިގެން ބަޑިއެއް ހިފައިގެން ލޮރީތަކުގައި އުޅޭ ބައެކެވެ. ނަމަވެސް އެމެރިކާ ސިފައިންނާއި އެމެރިކާ ބިނާކުރި އަފްޣާން ސިފައިންގެ ލަޝްކަރުތަކާ ދެކޮޅަށް ކުރަންޖެހޭ ބޮޑެތި ހަނގުރާމަތަކުގައި ހަރަކާތްތެރިވަނީ ޒަމާނީ ސިފައިންގެ ލަޝްކަރުތަކުގައި ބޭނުންކުރާ ކެމްފްލާޖް ޔުނިފޯމް ލައިގެން ޒަމާނީ ހަތިޔާރު އަޅާފައިވާ ތާލިބާނުންގެ އެލީޓް ފޯސް (ބަދްރު 313) ގެ ހަނގުރާމަވެރިން ކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ.