02 Sep 2021, 06:48
ލަވަކިޔުންތެރިޔާ އަރްޖިތު ސިންގް ގެ ލައިވް ޕާފޯމެންސެއް މިއަހަރުގެ ނޮވެންބަރު މަހު 19ގައި އަބޫދާބީގައި އޮންނާނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ބާއްވަމުން އަންނަ ކުންފުންޏަކުން އަރްޖީތްގެ މި އިވެންޓް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މިއީ ފަސް އަހަރަށް ފަހު އަރްޖިތު އަބޫދާބީގައި ލަވަކިޔާނެ ފުރަތަމަ ފަހަރެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން އަރްޖީތު ވަނީ ލަވަކިޔުމުގެ ދާއިރާއަށް ގެއްލިފައެވެ. އެހެންނަމަވެސް، ބްރޭކަކަށްފަހު އަރްޖީތުގެ ރީތި ލަވަތައް އަބޫ ދާބީގެ ޔަސް އައިލެންޑް އިން ފެންނާނެއެވެ.

ބޮލީވުޑްގެ ލަވަތަކަށް ލޯބިކުރާ ގިނަ ފަރާތްތަކުން މިހާރުވެސް ތިބީ އެ ހަފްލާއަށް ދާން ކެތް މަދުވެފައެވެ. އަރްޖީތްގެ ލަވަތަކުގެ ތެރެއިން މިހާރު އެންމެ މަޝްހޫރު ލަވަތަކަކީ "ތުމް ހި ހޯ" އަދި "އޭ ދިލް ހެ މުޝްކިލް"އެވެ. އަދި މިނޫނަސް އަރްޖިތްގެ ކޮންމެ ލަވައަކީ ހިތްތަކާ ކުޅެލާ އަދި ގިނަ ބަޔަކު އަޑު އަހާ ލަވަތަކެކެވެ. އަދި އޭނާގެ ލަވަތަކަކީ ވަރަށް މަޝްހޫރު، ވިއުސް ގިނަ ލަވަތަކެކެވެ.
އަރްޖިތުގެ ޝޯއަށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވަނީ ޓިކެޓް ވިއްކާން ފަށާފައެވެ. ހަމައެހެންމެ، ކޮވިޑްގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ޝޯވ ކުރިއަށް ދާނެކަމަށް އަބޫދާބީގެ އިވެންޓް އިންތިޒާމްކުރާ ކުންފުނިން ބުންޏެވެ.