04 Sep 2021, 09:12
އާމިރު ޚާނުގެ ކޮއްކޮ ފައިސަލް ޚާނު، ބޭރުގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އާއިލާއިން އޭނާއާ މެދު ކަންތައް ކުރިގޮތާމެދު ވާހަކަ ދައްކައިފިއެވެ.
އިންޑިއާގެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން ފައިސަލްޚާން ބުނެފައިވަނީ، އޭނާގެ އާއިލާއިން ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށެވެ. އެގޮތުން އޭނާ އަކީ ޕަރަނޮއިޑް ސްކިޒެފްރޮނިއާ ހުންނަ މޮޔަ މީހެއްގެ ގޮތުގައި ހަބަރުތަކަށް އެ އާއިލާ އިން ދޮގު މައުލޫމާތު ދިން ކަމުގައި ފައިސަލްޚާން ވަނީ ބުނެފައެވެ.

އާމިރު ޚާނު އަދި ފައިސަލް ޚާނު
އަދި ހަމައެހެންމެ ފައިސަލް ބުނެފައިވަނީ އޭނާގެ ސައިނަޓްރީ ރައިޓްސް ދިނުމަށް އާމިރުޚާނު އެތައް ފަހަރެއްގެ މަތިން އޭނާއަށް ގުޅި ކަމަށެވެ. އަދި އޭނާ ވަނީ އެއް އަހަރު ވަންދެން ގޭގައި ބަންދު ކޮށްފައި ކަމަށެވެ.
އިންޓަވިއުގައި ވާހަކަ ދައްކަމުން ފައިސަލް ބުނެފައިވަނީ، އޭނާއަކީ މޮޔަ މީހެއް ނޫންކަމަށާއި، އޭނާގެ އާއިލާއިން އޭނާއާއި މެދު ކަންތައް ކުރި ގޮތަކަކީ ދުވަހަކުވެސް ހިތަކުން ފިލައިގެން ނުދާނެ ކަމެއް ކަމަށެވެ.
އެއް އަހަރު ދުވަސް ވަންދެން އޭނާ ގޭގައި ބަންދު ކުރުމުގެ ސަބަބުން އޭނާ އުޅުނީ ޑިޕްރެޝަނެއްގައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި ހަމައެހެންމެ، ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރުތަކެއް އޭނާއަށް ކުރިއެވެ.
ފައިސަލްއާމެދު ކަންތައް ކުރި ގޮތް ދުވަހަކު ހަނދާން ނައްތާލަން އުނދަގޫވި ނަމަވެސް، އޭނާގެ އާއިލާއަށް މާފުދޭނެކަމަށް ވެސް އޭނާ ބުނެއެވެ. ނަމަވެސް އާއިލާދެކެ އޭނާ މިހާރު ބިރުގަންނަ ކަމަށް އޭނާ ބުނެއެވެ.