ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައި ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ މިއަދު މެންދުރު 12:30 ގައެވެ.

މިއީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ޖަރުމަނަށް ވަޑައިގެންނެވުމަށްފަހު، އެމަނިކުފާނު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ފެށިފައިވާއިރު ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދި މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އަދި އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވާކަމަށްވެސް ވިދާޅުވެފައެވެ.