ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އަރިއަތޮޅު އުތުރުބުރީ އުކުޅަސް ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވާ. އެރަށު ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންނަށް އެންމެ ބޭނުންވާ ކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރައްވާފައިވަނީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއެވެ.

ކައުންސިލުން ރައީސަށް ދެންނެވި ކަންތައްތަކުގެ ތެރޭގައި ރަށުގެ މަގުތައް ހަލާކުވެފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮޖެހުންތަކާއި، ފެރީ ޓަރމިނަލް ރަނގަޅު ފެންވަރެއްގައި ނެތުމުން ދިމާވާ ދަތިތަކާއި ކުރީގެ ބަނދަރުގެ ޖެޓީ ހަލާކުވެފައި އޮތުމުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ.

މީގެ އިތުރުން ރަށުގައި ޒުވާނުންނަށް ޚާއްސަ ޔޫތު ސެންޓަރެއް ނުވަތަ އެފަދަ ޚިދުމަތް ދެވޭނެ ގޮތެއް ހަދައިދެއްވަން ވެސް ކައުންސިލުން ވަނީ އެދިލައްވާފައެވެ. ހަމައެއާއެކު ޒުވާނުން އެކި ދާއިރާތަކުން ތަމްރީނުކުރުމަށް ޓިވެޓް ސެންޓަރެއް ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، ހެލްތް ސެންޓަރުގެ ވަސީލަތްތައް އިތުރުކޮށް އެ ސެންޓަރުން ދެވޭނެ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ކަމުގައިވެސް ކައުންސިލުންވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އުކުޅަސް ކައުންސިލުން ހުށަހެޅުއްވި ކަންކަންކަމާއި ގުޅިގެން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ބެހޭ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރައްވައި އަދި މި ބައްދަލުވުމުގައި ފާހަގަކުރެއްވިކަންކަން ހައްލުކުރެއްވުމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވެވިއެވެ.

އަދި ޚާއްސަކޮށް ކައުންސިލުން ފާހަގަކުރައްވާފައިވާގޮތަށް ފެރީޓަރމިނަލްގެ މަސައްކަތް ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުމަށް ސަރުކާރުން އެހީތެރިކަން ފޯރޮކޮށްދެވެން އޮތްގޮތެއް ބައްލަވައި އެކަމަށް މަގުފަހި ކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރު އައިފަހުން އުކުޅަހުގެ ތަރައްޤީއަށް ގާތްގަނޑަކަށް 25،930،550 ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

އެގޭތެރޭގައި އުކުޅަހުގައި އައުޓުޑޯ ޖިމެއް ޤާއިމުކުރުމާއި، ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް 600 ކިލޯ ވޮޓުގެ ޖަނަރޭޓަރ ސެޓެއް ގެނައުން ހިމެނެއެވެ.

އުކުޅަހުގައި މިވަގުތު ހިނގަމުންދާ މަޝްރޫއުތަކުގެ ތެރޭގައި ބަނދަރު ފެރީ ޓަރމިނަލް ތޮށި ހެދުން ހިމެނެއެވެ. އަދި އުކުޅަހުގެ ބިން ހިއްކުމުގެ މަޝްރޫއު މިހާރު ވަނީ އެމްޓީޓީސީ އާއި ހަވާލުކޮށްފައެވެ. މީގެ އިތުރުން މިއަހަރުގެ ފަހު ކުއާރޓާގައި އުކުޅަހުގައި ޔޫތު ސެންޓަރ ޤާއިމުކުރުމާއި، ހެލްތް ސެންޓަރު އިތުރަށް ތަރައްޤީކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.