ޕާކިސްތާނުގެ ގައުމީ ދުވަހެއްކަމަށްވާ "ޑިފެންސް އެންޑް މާޓާޒް ޑޭ" ރާއްޖޭގައި ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަކޮށްފައިވަނީ މާލޭގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަނުގައެވެ. އެގޮތުން މި ދުވަސް ފާހަގަކުރުމަށް ހައިކޮމިޝަނުގައި ބޭއްވި ބައްދަލުވުމުގައި ހައިކޮމިޝަނަރު އަތުހަރު މުހްތާރާއި ހައިކޮމިޝަނުގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގަރުނައިން އަހުމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕާކިސްތާނުގެ "ޑިފެންސް އެންޑް މާޓާޒް ޑޭ" އަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. އެގޮތުން މި ދުވަހަކީ އެ ގައުމުގެ މިނިވަންކަމަށްޓަކައި ޝަހީދުވެ ގުރުބާންވީ ބަތަލުުންގެ އަގުވަޒަންކޮޮށް ހަނދާން އާ ކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

މި ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރު އަތުހަރު ވަނީ 1965ވަނަ އަހަރު އޮތް ހަނގުރާމައިގައި ޝަހީދުވި ބަތަލުންގެ ހަނދާން އާކުރައްވާފައެެވެ. އަދި އެ ހަނގުރާމައިގައި ޝަހީދުވި މީހުންނަކީ އެ ގައުމުގެ މިނިވަންކަމާއި ވަރުގަދަ ޖިހާދު ރަމްޒުކޮށްދޭ ނިޝާނެއްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އަދި މިއަދު ވެސް އެއިރުގެ ރޫހާއި ހިތްވަރު އެ ގައުމުގެ ރައްޔިތުންގެ ހިތްތަކުގައި ދައުރުވަމުން އަންނަކަމަށް އަތުހަރު ވިދާޅުވިއެވެ.

ޕާކިސްތާނުގެ "ޑިފެންސް އެންޑް މާޓާޒް ޑޭ" މާލޭގައި ހުންނަ ހައިކޮމިޝަނުގައި ފާހަގަކުރުން -- ފޮޓޯ/ ޕާކިސްތާން ހައިކޮމިޝަން

ހަމައެއާއެކު އަތުހަރު ވަނީ ޖަންމޫ އަދި ކަޝްމީރުގެ މައްސަލައާއި ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ކަޝްމީރުގެ މައްސަލައިގައި އަވަސް ހައްލެއް ހޯދުން މުހިންމުކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޕާކިސްތާނުން އަބަދުވެސް މަސައްކަތްކުރާނީ މި ސަރަހައްދުގެ ރައްކާތެރިކަމާއި ސުލްހައަށްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެ ގައުމަށް ނަސްރު ލިބުމުގެ ފަހަތުގައިވާ އެންމެ ބޮޑު ސިއްރަކީ އިސްލާމްދީނުގެ ހިދާޔަތުގައި ސާބިތުވެ ތިބި ތިބުންކަމަށް ވެސް އަތުހަރު ވަނީ ވިދާޅުވެފައެވެ.