"އިންސާފު ހޯދަން" ނަމުގައި ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މުޅި ރާއްޖޭގައި ބޮޑު އިހުތިޖާޖެއް ކުރަން ނިންމައިފިއެވެ.

މި އިހުތިޖާޖުގެ މައުލޫމާތު ދިނުމަށް އިިއްޔެ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މި އިހުތިޖާޖުގެ ބޭނުމަކީ ގެއްލިފައިވާ އިންސާފުގެ ހައްގު ހޯދުމަށް މަގުމައްޗަށް ނިކުތުންކަމަށެެވެ.

"ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން ރައީސް ޔާމީންވެސް ހިމެނޭ ގޮތުން އެތައްހާސް ބަޔަކަށް މިއަދު ވަނީ އިންސާފު ގެއްލިފައި. އެހެން ކަމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހުކުރު ދުވަހު ހަވީރު ހަތަރަކުން ހަޔަކަށް މި ނިކުންނަނީ 'އިންސާފު ހޯދަން' މިނަމުގައި،" ޝުޖާއު ވިދާޅުވިއެވެ.

މި އިހުތިޖާޖު ފެށުމަށް ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.

ހަމައެއާއެކު އަތޮޅު ތެރޭގެ ރަށްތަކުގައި ވެސް މި އިހތިޖާޖު އެ ވަގުތުގައި ކުރިއަށް ދާނެކަމަށް އެ ކޯލިޝަނުން ބުންޏެވެ.

އެގޮތުން ރަށްރަށުގައި އިހުތިޖާޖު ފަށާނީ އެ ރަށެއްގެ ޕީޕީއެމް އޮފީސް ކުތިމަތިންކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މި އިހުތިޖާޖަކީ ސުލްހަވެރި އިހުތިޖާޖެއްކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

މީގެ އިތުރުން ރޭ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އެ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ (އަދުރޭ) ވަނީ ހުރިހާ ރައްޔިތުން ވެސް އިހުތިޖާޖުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. އަދި މާލެއަށް އާދެވޭނަމަ މާލެ އައިސް އިހުތިޖާޖުގައި ބައިވެރިވުމަށް އޭނާ ގޮވާލެއްވިއެވެ.