09 Sep 2021, 18:07
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދު މީހުންގެ ފައިސާއާބެހޭ މުއާމަލާތްތައް ފަސޭހަކަމާއެކު ބަލަހައްޓާ ނިޒާމެއް ކަމުގައިވާ ޕްރިޒަނާ އެކައުންޓްސް މެނޭޖްމަންޓް ސިސްޓަމް (ޕެމްސް) މިއަދު ބޭނުންކުރަން ފަށައިފިއެވެ.
ކަރެކްޝަންސްއިން ބުނީ ޕްރިޒަނާ އެކައުންޓްސް މެނޭޖްމަންޓް ސިސްޓަމުން އާއިލާއިން ކޮންމެ މަހަކު ބަނޑޭރި ޕޭ މެދުވެރިކޮށް ކަނޑައެޅިފައިވާ އަދަދަށް ގައިދީންނާއި ބަންދު މީހުންނަށް ފޮނުވާ ފައިސާ އާއި އެލަވަންސް އުސޫލުން މަސައްކަތްކުރާ ގައިދީންގެ ފައިސާ ފަސޭހައިން ބެލެހެއްޓުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން ގައިދީންނާއި ބަންދުމީހުން ވިޔަފާރި އުސޫލުންކުރާ މުއާމަލާތްތައް ފަސޭހައިން ބެލެހެއްޓޭނެއެވެ.
ޕެމްސްއަކީ ޓޯޓަލް އޮފެންޑާ މެނޭޖްމަންޓް ސިސްޓަމް (އެޓަމްސް)ގެ އެކައުންޓްސްތަކާބެހޭ މޮޑިއުލްއެވެ. މިގޮތުން އެޓަމްސް އިން ގައިދީންގެ ހުރިހާ ރެކޯޑްތައް ބަލަހައްޓާއިރު، ޕެމްސްއިން ބަލަހައްޓާނީ އެފަރާތްތަކުގެ ފައިސާއާ ބެހޭ ރިކޯޑްތަކެވެ.
ކަރެކްޝަނުން ބުނީ މި ސިސްޓަމް މެދުވެރިކޮށް ހުރިހާ ޖަލަކާއި ހެޑް އޮފީސް ގުޅުވައިދޭނެ ކަމަށެވެ. މީގެ ސަބަބުން އެއް ޑޭޓާ ބޭސްއަކުން ގައިދީންގެ ރިކޯޑްތައް ބެލެހެއްޓި، ކަންތައްތައް ކުރުމުގައި ކުރިއަށްވުރެ އަވަސްވެ، ކަރުދާސް ބޭނުންކުރުމާއި ޑަބަލްކޮށް ކުރަންޖެހޭ މަސައްކަތްތައް ލުއިވެގެންދާނެ ކަމަށެވެ.
މި ސިސްޓަމް އަބަދުވެސް ލައިވްކޮށް އަޕްޑޭޓްވަމުންދާނެއެވެ. މީގެ ސަބަބުން މަސައްކަތްތަކުގެ ފެންވަރު ރަނގަޅުވެ، އޮފިސަރުންނާއި މުވައްޒަފުން ޒިންމާދާރުވުން އިތުރުވެގެންދާނެއެވެ.
އެޓަމްސް އާއި ޕެމްސް ފަރުމާކޮށްފައިވަނީ އެމްސީއެސްގެ އައިޓީ ސެކްޝަންގެ ފަންނީ އޮފިސަރުންނާއި މުވައްޒަފުންނެވެ.