ކޮރެއާގެ އެޑިއުކޭޝަން ބުރޭންޑް ޕިންކްފޮންގް ޔޫޓިއުބަށް އަޕްލޯޑުކުރި "ބޭބީ ޝާކް ޑާންސް"އިން އެންމެ ގިނަ މީހުން ބެލި ވީޑިއޯގެ ރެކޯޑު ދަމަހައްޓަމުން އަންނަތާ ފަސް އަހަރު ވެއްޖެއެވެ.

އެ ވީޑިއޯއަކީ ޖޫން، 17، 2016 ގައި އަޕްލޯޑްކޮށްފައިވާ ވީޑިއޯއެކެވެ.

"ބޭބީ ޝާކް ޑާންސް" ވީޑިއޯ މިހާތަނަށް 9.2 ބިލިއަން މީހުންވަނީ ބަލާފައެވެ. މި ވީޑިއޯއަކީ ކުޑަ ކުދިންނަށް ހާއްސަކޮށްގެން ޔޫޓިއުބަށް އަޕްލޯޑްކުރި ވީޑިއޯއެކެވެ.

މި ވީޑިއޯގައި ފެންނަނީ ކުޑަ ކުދިންތަކަކާއެކު އެނިމޭޓުކޮށް ތައްޔާރުކޮށްފައިވާ މަންޒަރުތަކެކެވެ.

ބޭބީ ޝާކުން މި ރެކޯޑް ހަދާފައިވަނީ 7.5 ބިލިއަން ވިއުސް ހޯދާފައިވާ ލުއިސް ފޮންސީގެ "ޑެސްޕަސީތޯ" ވީޑިއޯގެ ރެކޯޑް މުގުރާލުމަށްފަހުއެވެ.

ބޭބީ ޝާކުގެ ކުރިން އެންމެ ގިނަ ވިއުސްގެ ރެކޯޑް އެންމެ ގިނަ ދުވަހުގެ މުއްދަތަކަށް ދަމަހައްޓައިފައިވަނީ ކޮރެއާގެ ގަންގަމް ސްޓައިލެވެ.

އެގޮތުން ގަންގަމް ސްޓައިލް ލަވައަށް އެ ރެކޯޑް ވަނީ ހަތަރު އަހަރާއި ހަ މަސްދުވަހަށް ދެމެހެއްޓިފައެވެ.

މީގެ އިތުރުން "އެވެންޖާސް އެންޑްގޭމް"ގެ މޫވީ ޓްރެއިލާ ވެފައިވަނީ އެންމެ ގިނަ އަދަދެއްގެ މީހުން ބެލި މޫވީ ޓްރެއިލާ އަށެވެ. އެ ޓްރެއިލާއަށް ވަނީ 24 ގަޑިއިރު ތެރޭގައި 289 މިލިއަން ވިއުސް ލިބިފައެވެ.