ހިޔާ ފްލެޓްގައި ސޮއިކުރުން، މިއަދުން ފެށިގެން އޮންނާނީ ސެންޓަރަލް މޯލްގައި ކަމަށް ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހިޔާ 7000 މަޝްރޫޢުގެ ދަށުން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުން ހަމަޖެހިފައިވަނީ ހުޅުމާލެގައި ހުންނަ ސެންޓްރޯ މޯލްގެ ދެވަނަ ފަންގިފިލާގައެވެ.

މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް، ހިޔާ ފްލެޓްގެ 85 ޕަސެންޓް ޔުނިޓް ތަކުގައި ސޮއިކޮށް ނިމިފައި ވާ ކަމަށް އެޗްޑީސީގެ ތަފާސް ހިސާބު ތަކުން ދައްކަައެވެ.

ކުރިން ހުރަވީ ސްކޫލްގައި ސޮއި ކުރަމުން އައި ހިޔާ ފްލެޓްގެ އެއްބަސްވުން ތަކުގައި ސޮއިކުރާ ތަން ބަދަލުވީ، ސޮއި ނުކުރެވި ބާކީ ހުރި އަދަދު މަދު ވުމުން ކަމަށް އެޗްޑީސީއިން ބުނެއެވެ.

މިހާރު ސޮއި ނުކުރެވި ބާކީ ހުރީ، ހައުސިންގް މިނިސްޓްރީއިން ހޯލްޑް ކޮށްފައިވާ ފްލެޓް ތަކާއި ދެ އެޕާޓްމަންޓް ބަދަލު ކުރަން ބޭނުންވާ މީހުންގެ އިތުރުން 'ވިނަރެސް' އަށް ބަދަލުވާން އެދިފައިވާ ފަރާތްތަކެވެ.

ބައެއް ފްލެޓްތައް ހޯލްޑް ކޮށްފައި ވަނީ ލިސްޓްގައި ހުރި ބައެއް ކަންކަން އިތުރަށް ބެލުމަށްޓަކައެވެ.

ސޮއި ކޮށް ނިންމަން އެޗްޑީސީއިން ވަކި މުއްދަތެއް މިހާތަނަށް ކަނޑައަޅާފައި ނުވި ނަމަވެސް، ސޮއިކޮށް ނިންމަން ޖެހޭ ވަކި ތާރީހެއް ކަނޑައެޅުމުން، އެ ދުވަހުގެ ފަހުން ސޮއި ނުކުރެވޭނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންގް ނިންމަން އެޗްޑީސީން ވަކި މުއްދަތެއް ދީފައި ވާއިރު، އެ މުއްދަތުގައި ކުލި ނުނަގާނެއެވެ. މިހާރު ބައެއް ފަަރާތްތަކުން ފިނިޝިންގްގެ މަސައްކަތް ކުރަމުން ދާއިރު، ކިރިޔާ އުޅެލޭވޭ ވަރަށް ތަން ހަދައި އެއް ބަޔަކު އެތާނގައި ދިރިއުޅެން ފަށައިފިއެވެ.