16 Sep 2021, 07:52
މީހަކާ ވަކިވާން ޖެހުމަކީ ދެވިހިފާފައި ހުންނަ ނުބައި ސިފައަކާ ދުރުވާން މަސައްކަތް ކުރުން ކަހަަލަ ކަމެއްކަމަށް ދިރާސާވެރިން ބުނި ނަމަވެސް ގުޅުމެއް އިތުރަށް ކުރިއަށް ނުގެންދެވޭ ހިސާބުން ދެމީހުންނަށް މަޖުބޫރު ވަނީ އެ ގުޅުމެއް ނިންމާލާށެވެ.
އެކުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު ކުރެވޭ އެންމެ ކުޑަ ކަމަކުން ވެސް އެ ޒަމާންވީ ގުޅުން ނިމުމަކަށް އައިސްދާނެއެވެ. ކިތަން ދުވަސްކޮޅެއް ނަމަވެސް ކިތަންމެ ދުވަހެއް ވަންދެން ބައިވެރިޔާ އާއެކު އުޅުމަށްފަހު ގުޅުމެއް ނިންމާލަން ޖެހުމަކީ ދެފަރާތަށް ވެސް އަސަރު ކުރުވާނެ ކަމެއްކަން ޔަގީނެވެ. އެ ގުޅުމެއް ނިންމާލަން އެންމެ އުނދަގޫވާނެ އެއްކަމަކީ ދެމަފިރިންގެ ދަރިން ތިބުން ކަން ގައިމެވެ. ދަރިންގެ ހައްގުގައި ވެސް ގުޅުން ކުރިއަށް ގެންދެވޭތޯ ގިނަ ބަޔަކު މަސައްކަތް ކުރިނަމަވެސް އެ ގުޅުމުގެ ސަބަބުން އެމީހާއަށް ނަފްސާނީ ގޮތުންނާ ޖިސްމާނީ ގޮތުން ގެއްލުންވާނަމަ އެންމެ ބުއްދިވެރި ގޮތަކީ އެ ގުޅުމެއް ނިންމާލުމެވެ.
1. ދެކެވޭ ކޮންމެ ވާހަކައެއް ނެގަޓިވްވުން.
ބައިވެރިޔާ އާ ހަމަޖެހިލައިގެން ވާހަކަ ނުދެއްކި މައްސަލަ އެއް ޖެހުނު ނަމަވެސް އެކަން ހައްލުކުރަން ވާހަކަ ނުދެއްކި އަބަދު ޒުވާބު ކުރުމަކީ އެ ގުޅުމެއް ނިންމާލަން ޖެހޭ މައިގަނޑު އެއް ސަބަބު ކަމަށް ޑޭޓިން އެކްސްޕާޓް ޖޭމްސް ޕްރީސް ދެކެވެއެވެ.
2. ޖިސްމާނީ އަނިޔާ ލިބުން
ގުޅުމެއްގައި އެކަކު އަނެކަކު ގަޔަށް އަތް އިސްކޮށް ޖިސްމާނީ ގޮތުން އަނިޔާ ލިބުމަކީ އެ ގުޅުމެއް ދާއިމަށް ނިންމާލަން ޖެހޭ ސަބަބެއް ކަމަށް ސައިކޮލިޖިންސް މެޑެލިން މޭސަން ބުނެއެވެ. އޮޅިގެން ކުރެވޭ ކަމެއް މީގައި ނުހިމެނެއެވެ. އޭނާގެ އުޅުމަށް ބަދަލު އައިސް ކޮންމެ ކަމެއްގައި އަތް އިސްކޮށް އާއިލާ އާ ރަހުމަތްތެރިންނަށް ވެސް އޭގެ އަސަރު ފޯރުކުރާނަމަ ވަގުތުން އެ ގުޅުން ނިންމާލުން މުހިއްމެވެ.
3. ވަގުތު ނުދިނުން.
ގުޅުމެއް ހަމަގައިމުވެސް ކުރިއަށް ގެންދެވޭނީ ބައިވެރިޔާ އަށް އެކަށީގެންވާ ވަރަށް ވަގުތު ދީގެންނެވެ. އެމީހެއްގެ ހަޔާތުގެ ބައިވެރިޔާ ވާންވާނީ އޭނާގެ ޕްރަޔޯރިޓީ އަށެވެ. ބައިވެރިޔާ އަށް ވަގުތު ނުދީ ރަހުމަތްތެރިންނާ އެކު އަބަދު އެކުގައި އުޅޭނަމަ ބައިވެރިޔާ އާ ސުވާލުކުރާށެވެ. އެކަމަށް ބަހަނާ ދައްކާނަމަ އެ ގުޅުން އެއޮތީ އެ ހިސާބުން ނިންމާލަން ވެފައެވެ.
4. ބައިވެރިޔާ އާ މެދު އާއިލާ އާ ރަހުމަތްތެރިން ހިތްހަމަ ނުޖެހުން.
ގިނަ ފަހަރު ބައިވެރިޔާގެ ހުންނަ އުނި ސިފަތައް ބޮޑަށް ފާހަގަކުރެވޭނީ އެކުގައި އުޅޭ ރަހުމަތްތެރިންނަށާއި އާއިލާ މީހުންނަށެވެ. އުނި ސިފައެއް ހުރުން މައްސަލަ އެއް ނޫނެވެ. ނަމަވެސް ކަމެއް ރަނގަޅު ކުރަން ތަކުރާރުކޮށް ބުނެވެސް ރަނގަޅު ނުވުމުން އެއީ މައްސަަލައެކެވެ. ލޯބީގައި ޖެހި ކަނު ނުވާށެވެ.