25 Sep 2021, 16:04
ވެރިކަންކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުފޫޒު ފޯރުވާކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
މިއަދު އަކުރަމް "ސަން'އަށް ވިދާޅުވީ މިހާރު ކުރިއަށްދާ ގައުމީ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދަނީ ވަރަށް ދޯދިޔާކޮށް ކަމަށެވެ.
އަކްރަމް ވިދާޅުވީ ވޯޓު ފޮށިތައް ކައިރީ އިންނަނީ ހަމައެކަނި އެންމެ އޮފިޝަލެއް ކަމަށާއި އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން އޭނައާ ހިއްސާ ކުރަމުން އަންނަ ކަމަށެވެ.
ހަމައެހެންމެ ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެން ވަކި މީހަކަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ރައީސް ނަޝީދު ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރައީސް ނަޝީދު އަޅުގަނޑުގެ ބޮލުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދޮގު ތުހުމަތު އެޅެވުމަކީ ހިތާމަހުރި ކަމެއް. އަދި ރައީސް ނަޝީދު ވަކި މީހަކު ޕްރޮމޯޓްކޮށް ވަކި މީހަކަށް ވޯޓް ދޭން މަސައްކަތް ކުރުމަކީ އިންތިޚާބަށް ނުފޫޒު ފޯރާ ކަމެއް. މިއީ އިންސާފުވެރިކަމެއް ނޫން. އެމްޑީޕީގެ ކޮމިޓީން ވަނީ އަޅުގަނޑުގެ މައްޗަށް މީގެ ކުރިން އެމްއެމްޕީއާރުސީގެ މައްސަލައިގައި ކޮށްފައިވާ ތުހުމަކީ ދޮގެއްކަމަށް ސާބިތުކޮށްދީފަ،" އަކްރަމް ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެންމެ ވާދަވެރި ރުހެއްގައި ކެމްޕޭން ކުރެއްވީ މާލޭ ދާއިރާއަށް ވާދަކުރައްވާ އަކްރަމާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވޯޓްލުން ކުރިއަށްދަނީ --- ސަން ފޮޓޯ / ފަޔާޒު މޫސާ
އަކްރަމަކީ މިހާރުވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މާލޭ ދާއިރާގެ ރައީސެވެ.
އެ އިންތިޚާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިޚާބު ކުރާނެއެވެ. އެންމެ ބޭފުޅަކު ކުރިމަތިލައްވާފައިވާތީ އިންތިޚާބުގެ ވޯޓް ނެގުމުގެ ކުރިން 165 ކެންޑިޑޭޓަކު ވަނީ އިންތިޚާބުވެފައެވެ.
ތ. ގުރައިދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާތަކެއްގައި ވޯޓުލުން ކުރިއަށް އެބަދެއެވެ. އެ ދާއިރާގައި ވޯޓުލުން ކުރިއަށް ނުގެންދިޔައީ އެ ދާއިރާގެ ބައެއް ރަށްތަކުގައި ކޮވިޑްގެ ހާލަތު ގޯސްވެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ ދިމާވި އެކި ސަބަބުތަކާ ހުރެ، ވޯޓުލުން މެންދުރު 12:00 ގެ ފަހުން ފެށި ތަންތަނުގެ ވޯޓުލުން 6:00 އާ ކުރިއަށްދާނެ ކަމަށެވެ.
މެންދުރު 12:00ގެ ފަހުން ވޯޓުލުން ފެށި މަރުކަޒުތަކުގެ ކިޔުގައި 5:00 ގައި ބަޔަކު ނެތަސް އެ ވޯޓު ފޮށިތައް ބަންދު ކުރާނީ އިރުއޮއްސި 6:00 ގައި ކަމަށް އެ ޕާޓީން ބުންޏެވެ.
އެ އިންތިހާބުގައި 300 ވަރަކަށް ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އަދި 93،000 މީހުންނަށް އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އެމްޑީޕީން ބުންޏެވެ.