އިއްޔެގެ ވަގުތެއްގައި ދުނިޔެ ދޫކުރި އެމްއެންޑީއެފް ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމްގެ މަރުގެ ހިތާމައިގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނީ އެތަނުގެ ހުރިހާ އޭރިއާއެއްގެ ކޮމާންޑުތަކުގައި މިއަދު ބޭއްވި މާސްޓާ ޕެރޭޑެއްގައި ސުލްތާންގެ މަރުގެ ހިތާމައިގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެވުނު ކަމަށެވެ.

އުމުރުން 22 އަހަރުގެ ސުލްތާންގެ މަރާ ގުޅިގެން އެމްއެންޑީއެފުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ސުލްތާން ފުރިހަމަ ކުރަމުން އައީ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯސް ކަމަށެވެ.

ސުލްތާން މަރުވެފައިވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންހޯންގައި އިއްޔެ އޮތް އެންޝިއުރެންސް ދުވުމެއް ފުރިހަމަ ކުރަމުންދަނިކޮށް ކަމަށާއި ދުވުމުގެ ތެރެއިން ސުލްތާން ވެއްޓުމާއެކު އޭނާއަށް އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ސުލްތާން މަރުވެފައިވާ ކަމަށެވެ.

ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމް ސިފައިންގެ ހިދުމަތާ ގުޅިފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުއެވެ. ތިން އަހަރު ދުވަހުގެ ކޯހަށް އިންޑިއާއަށް ދިއުމުގެ ކުރިން ސުލްތާން މަސައްކަތް ކުރަމުން އައީ އިންޓަގްރޭޓެޑް ހެޑްކުއާޓާޒްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އިންޑިއާއަށް ސިފައިންގެ ޓްރޭނިންއަށް ގޮސް އުޅެނިކޮށް މަރުވި މުހައްމަދު ސުލްތާން އިބްރާހިމް

ސުލްތާންގެ މަރާ ގުޅިގެން ޕޫނޭގެ ނޭޝަނަލް ޑިފެންސް އެކެޑެމީ (އެންޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ޓްރެއިނިންގެ ތެރެއިން ސުލްތާން ވެއްޓުމާއެކު، އޭނާއަށް ފަރުވާ ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

ސުލްތާންގެ މަރު އިތުރަށް ތަހުގީގުކުރުމަށް ކޯޓް އޮފް އިންކުއަރީން ވެސް އަންގައިފައިވާ ކަން ފާހަގަކޮށް، ސުލްތާންގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ވެސް ނިންމައިފައިވާ ކަމަށް އެންޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނައިިރު އޭނާގެ ހަށިގަނޑު ރާއްޖެ ގެންނާނީ އަސްކަރީ އިއްޒަތުގައެވެ.