އައިމިނަތު ނަޢީމާ އެންމެ ކުޑައިރުއްްސުރެ ވެސް ދުށް ހުވަފެނަކީ އަމިއްލަ ރަށަށް ޚިދުމަތް ކުރުމެވެ. މުޖުތަމައުއަށް ފައިދާ ހުރި ކަމެއް ކޮށްދިނުމެވެ. މުޖުތަމައު ނައީމާއާ މެދު ފަޚުރުވެރި ކޮށްދިނުމަށެވެ. އެންމެން ބަލައިގަންނަ ހަރުދަނާ ސަހުސިއްޔަތަކަށްވުމުގެ މަގުސަދުގައާއެކު މުދައްރިސެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ފެށީ 1993 ވަނަ އަހަރުގައެވެ.

ތ.މަޑިފުއްޓަށް އުފަން ނައީމާ ކިޔަވައިދިނުމުގެ ދާއިރާގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަތާ 28 އަހުރުވީއެވެ. ނައީމާ މި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ރަށަށް ހިދުމަތެއްކޮށްދިނުމަށް އެންމެ ރަނގަޅު ދާއިރާއަކީ މިއީކަމަށް ނައީމާއަށް ގަބޫލު ކުރެވުމުންނެވެ.

"އޭރު ރަށަކީ ތައުލީމީ ރަށެއް ނޫން. އޭރު ކުދިން 15 އަހަރުވަރު ވީމަ މީހަކާ އިނދެ ދިރިއުޅުމެއް ފަށަނީ. އޭރުގައި ވެސް އަމިއްލަ ހިޔާލަށް ވިސްނޭ އެއީކީ އެހާ ރަނގަޅު ކަމެއް ނޫނޭ. އަޅުގަނޑު ހިތަށް އެރީ އަޅުގަނޑު ކޮށްދޭނަމޭ ރަށަށް ފައިދާހުރި އަދި މުޖުތަމައު ބަލައިގަންނާނެ ކަމެއް. ހަމައެކަނި ގެގައި ދަރިން ބަލަން ނުހުންނާނަމޭ. ރަށަށް ފައިދާހުރި ވަޒީފާ އެއްގައި މަސައްކަތް ކުރާނަމޭ ހިތަށް އަރާ އޭރު ވެސް. އެހެންވެ މި ދާއިރާ އަށް ވަނީ ވެސް،" ނައީމާ ބުންޏެވެ.

ނައީމާ އެންމެ ފުރަތަމަ ތައުލީމީ ދާއިރާއަށް ވަދެވުނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާ އެއް ކަމަށްވާ "ފޯރުތު ޖަމްއިއްޔާ" ގެ ފަރާތުން ލިބުނު ފުރުސަތަކުންނެވެ. ދަނޑުވެރިކަމުގެ އިތުރުން ތަފާތު ހަރަކާތްތައް ހުރިނަމަވެސް ނައީމާ އަށް ގަބޫލު ކުރެވުނީ ޓީޗަރަކަށް ވުމަކީ އޭނާއަށް ކުރެވިދާނެ ކަމަކަށް ވާތީ ޓީޗަރަކަށް ވުމަށެވެ. އެގޮތުން، ތައުލީމީ މަރުކަޒުގައި އިތުރަށް ކިޔެވުމަށްފަހު 1991 ގައި ޕަރައިމަރީ ޓީޗިންގް ހެދުމަށް މާލެ ދިޔައެވެ.

އެއް އަހަރު ދުވަހުގެ ޕްރައިމަރީ ޓިޗިންގް ކޯހެއް ހެދުމަށްފަހު، ދަރިވަރުންނަށް ޕްރައިމަރީގެ ބިންގާ އަޅައިދުނުމަށް ނައީމާ އެންމެ ފުރަތަމަ ގުޅުނީ ތ.މަޑިފުށި ސްކޫލާއެވެ. ނައީމާއަކީ އެސްކޫލުގެ އެންމެ ފުރަތަމަ ޕްރައިމަރީ ޓީޗަރެވެ.

ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި އެއް އަހަރު މަސައްކަތް ކުރުމަށްފަހު ނައީމާ ހަވާލުވީ ސްކޫލުގެ ލީޑިންގް ޓީޗަރުގެ މަގާމާއެވެ. އޭގެފަހުން، ނައީމާ ހަވާލުވީ ސްކޫލު ހިންގުމުގެ ގޮތުގައި ޕްރިންސިޕަލްގެ މަގާމާއެވެ. ޕްރިންސިޕަލްގެ ގޮތުގައި 10 އަހަރު ވަންދެން ނައީމާ މަސައްކަތް ކުރިއެވެ. ނައީމާ ޕްރިންސިޕަލަކަށް ހުރިކަމަކު، ސްކޫލުގެ ހުރިހާ ކަމެއްގައި މަސައްކަތް ކޮށްފައިވެއެވެ.

"އޭރު އިދާރީ ހުރިހާ ކަމެއް ވެސް ބަލަހައްޓަން ޖެހެނީ އަޅުގަނޑަށް. ފައިސާގެ ކަންކަން ވެސް ބަލަހައްޓަން ޖެހެނީ އަޅުގަނޑަށް. ޕްރައިމަރީ ޓީޗަރަކަށް ހުންނާނީ އަޅުގަނޑު އެކަނި،" ނައީމާ ބުންޏެވެ.

ކޮންމެ މީހެއްގެ ދިރިއުޅުމަށް ތަފާތު ބަދަލުތައް އަންނާނެއެވެ. ކަން ދިމާކުރި ގޮތުން ނައީމާގެ މަންމަ ވަރަށް ބޮޑަށް ބަލިވެގެން މާލެ ބަދަލު ވާން ޖެހުނެވެ. ނައީމާއަށް ރަށުގައި އުޅެން ވަރަށް ދަތިވިއެވެ. އެހެންވެ ނައީމާ ވެސް މާލެ އަންނަން ޖެހުނެވެ.

އޭރު މާލެ އައުމަށްފަހު، ނައީމާ ބޭނުންވީ އެދުވަސްތަކުގެ ވެސް ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކޯހެއް ހަދާށެވެ. އެގޮތުން ނައީމާ އިސްލާމް ޑިޕްލޮމާ ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރިއެވެ. ކޯސް ހެދުމަށްފަހު އަނެއްކާ ވެސް ރަށަށް ބަދަލުވިއެވެ. ރަށުގައި އެއް އަހަރު ވަންދެން ޓީޗަރެއްގެ ގޮތުގައި މަަސައްކަތް ކުރުމަށްފަހު 2008 ގައި މާލެ އައިސް އިމާދުއްދީން ސްކޫލާ ގުޅުނެވެ.

ނައީމާ އެންމެ ފުރަތަމަ ކިޔަވައިދިނީ އިމާދުއްދީން ސްކޫލުގެ ގްރޭޑު ހަޔަކަށެވެ. ކިޔަވައިދިނުމުގެ ދާއިރާއަށް އަބަދުވެސް ޝައުގުވެރިކަން ހުންނަ ނައީމާއަށް މިފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ. މާލޭގައި ހުރެގެން ނައީމާގެ ތައުލީމީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ހޯދަން މަގުފަހިވިއެވެ. އެގޮތުން 2012ގައި ނައީމާ އިސްލާމުން ޑިގްރީ ހަދަން މަސައްކަތް ފެށިއެވެ. ﷲ ގެ އިރާދަފުޅުން އިސްލާމް ޑިގްރީ ނިންމާ އިސްލާމުން މާސްޓާސް ވެސް ހެދިއެވެ.

ނައީމާ މި ދާއިރާގައި މަސައްކަތް ކުރާތާ 28 އަހަރުވީ އިރުވެސް ދުވަހަކުވެސް ގަޑި ޖެހިފައެއް ނުވެއެވެ. މި ކަމުން އެނގޭ ކަމަކީ ނައީމާ ގަޑިއަށް ފަރުވާތެރިވުމަށް ލޯބި ކުރުމުގެ އިތުރުން ޝައުގުވެރިކަމާއެކު މަސައްކަތް ކުރާ ކަމެވެ. ހަރުދަނާ ކަމާއި ޒިންމާދާރުކަން ނައީމާ ގައިގައި ހަރުލާފައި ހުރި ކަމެވެ.

ނައީމާ ބުނިގޮތުގައި މި ދާއިރާގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކީވެސް އުފާވެރި ދުވަހަކެވެ. ތަރުބިއްޔަތު ކޮށްދޭ ކުދިން މުޖުތަމައު އަށް ފައިދާހުރި ކުދިންގެ ގޮތުގައި ފެންނަ މަންޒަރު ފެނުމަކީ ވަރަށް އުފާވާ ކަމެއް ކަމަށް ނައީމާ ބުންޏެވެ.

"ކިޔަވާ ދިން އަދި ކިޔަވާ ދޭ ކުއްޖާ ރަނގަޅު މަތީ މަގާމެއްގައި ފެންނަ ހުންނަ ދުވަހު ވަރަށް އުފާވޭ. ރަށުގައި އަޅުގަނޑު ކިޔަވާ ދިން ކުދިން މަތީ މަގާމުތަކުގައި މިހާރު ވެސް އެބަ ހުރި. އެކަމާ ވަރަށް އުފާވޭ. އަޅުގަނޑު ތަރުބިއްޔަތު ދޭ ކުދިން މުޖުތަމައުއަށް ފައިދާހުރި ކަމެއް ކޮށްދޭ މަންޒަރު ބެލުން އެއީ ހިތަށް ހިތްހަމަޖެހުން ލިބިގެންދާ ކަމެއް،" ނައީމާ ބުންޏެވެ.

ނައީމާ އަކީ ދަރިވަރުން ދެކެ ލޯބިވާ އޯގާތެރި މުދައްރިސެކެވެ. އޭނާ ކިޔަވާދިން ކުދިން ކިތަންމެ ބޮޑުވި ނަމަވެސް އެކުދިންނަށް އޭނާ ވަރަށް ބަލައެވެ. ކިޔަވައިދިން ކުދިން މުޖުތަމައު އިން ބާކީވެ މަސްތުގެ ވަބައިގައި ޖެހި އަދި ވައްކަމުގެ އިތުރުން ބޮޑެތި ކުށްތަކަށް އަރައިގަންނަ ތަން ފެންނަނަމަ ވަރަށް ދެރަވާ ކަމަށް ނައީމާ ބުންޏެވެ.

އިމާދުއްދީން ސްކޫލްގެ ޓީޗަރު އާމިނަތު ނައީމާ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ދުވަހަކުވެސް ދާއިރާ ދޫކޮށްލާކަށް ހިތަކަށް ނާރާ!

ނައީމާ ބުނިގޮތުގައި ދުވަހަކުވެސް އޭނާ ކިޔަވައިދިނުމުގެ ދާއިރާ ދޫކޮށްލާކަށް ހިތަކަށް ނާރައެވެ. ނައީމާ މަސައްކަތް ކުރަނީ ވަރަށް ޝައުގުވެރިކަން ހުރެ އެ ކަން ކުރާ ހިތުންނެވެ.

"ބައެއް މީހުން ބުނޭ މިހާރު މާސްޓާސް ހެދިއިރު ވެސް އެމީހުނަށްވުރެ މަދުންނޭ ލާރި ލިބެނީ. އެކަމު ބުނެލަން ބޭނުންވަނީ ޓީޗަރެއް ވިއްޔާ މި މަސައްކަތް ކުރަނީ ލާރި އަކަށް ނޫނޭ. ލާރިއަށް ކުރާވަރުގެ ކަމެއް ނޫން މީކީ،" ނައީމާ ބުންޏެވެ.

މިއަދު ނައީމާ އެހުރި ހިސާބަށް އޭނާއަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރި ކަމާ އެކުގައެވެ. އެގޮތުން އެންމެ ބޮޑަށް އެހީތެރިކަން ލިބުނީ އޭނާގެ އާއިލާގެ ފަރާތުން ކަމަށް ނައީމަ ބުންޏެވެ.

ކުރިން އެއްވެސް އުޖޫރައަކާ ނުލައި ކިޔެވުނަސް ފަހުން އޭނާ މާސްޓާސް ހަދަން ޖެހުނީ ބޮޑު އަގެއް ދައްކައިގެންނެވެ. މިކަމުގައި އޭނާ އަށް އޭނާގެ އެއްބަނޑު އެއްބަފާ ވެދިން އެހީއަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާ ކުރާކަމަށް ނައީމާ ބުންޏެވެ.

ނައީމާ ތައުލީމީ ދާއިރާގައި ކުރާ އެންމެ ބޮޑު އިންމީދަކީ ތައުލީމީ ގާބިލް ކުދިން ދާއިރާގައި މަސައްކަތް ކުރުމެވެ. ކުދިންނަށް ވަރަށް ރަނގަޅު ތައުލީމެއް ދެވޭ ފެންވަރުގެ ކުދިން މިދާއިރާގައި މަސައްކަތް ކޮށްދޭ މަންޒަރު ފެންނާނެ ކަމުގެ އުއްމީދު ނައީމާ ކުރެއެވެ.

ނައީމާ އަކީ އޯގާތެރި ދަރިވަރުންނާ ގުޅޭ އެއްވެސް ތަފާތު ކުރުމެއް ނެތި ކިޔަވައިދޭ ހިތުން ކިޔވައިދޭ މުދައްރިސެކެވެ. އެތައް ކުދިންތަކަކަށް ތައުލީމު އުނގަންނައިދެއެވެ. ވަރަށް ގިނަ މާތަކެއްގެ ކުރި ފަޅުވައި ދިނުމަށް އެންމެ ފުރަތަމަ އެހީގެ އަތެއް ދިއްކޮށްލި މީހަކީ ނައީމާއެވެ.