03 Oct 2021, 21:18
މިފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ފެންނަނީ ބަންގްލަދޭޝް ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ސްރީލަންކާއާ ވާދަކޮށް 0-1 އިން ކުރި ހޯދީ ބަންގްލަދޭޝްއެވެ. މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި ޓީމުތަކުގެ ތެރޭގައި ހިމެނޭ ބަންގްލަދޭޝްގެ ހިތްވަރު އެ މެޗަށްފަހު ގަދަވެފައިވާ ކަމަށާއި، ޓީމުގެ އަމާޒަކީ ތަށި ކަމަށް އެ މެޗަށްފަހު އެ ޓީމުގެ ކޯޗު އޮސްކާ ބުންޏެވެ.
އެހެން ނަމަވެސް މާދަމާ އެ ޓީމަށް އޮތީ ފައިނަލެކެވެ. ބަންގްލަދޭޝް މާދަމާ ނުކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، އަދި ރޭންކިންގަށް ބަލާއިރުވެސް އެންމެ ކުރީގައި އޮތް އިންޑިއާއާ ދެކޮޅަށެވެ.
އިންޑިއާއިން މުބާރާތުގެ ފުރަތަމަ މެޗަށް ނުކުންނަ އިރު، އެހެން ޓީމުތަކުގެ ކުޅުން މިހާރު ވަނީ ފެނިފައެވެ. އެހެން ކަމުން އެ މެޗަށް ނުކުންނަ އިރު، ބަންގްލަދޭޝް ޓީމުގެ ވަރުގަދަކަން ހާމަވާކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ވަނީ މިއަދު އޮތް ޕްރި މެޗު ކޮންފަރެންސްގައި ހާމަކޮށްފައެވެ.
"މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލައި އަޅާކިޔާލާއިރު އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ފެންނަނީ ބަންގްލަދޭޝް، އެއީ އަހަރެންގެ ޙިޔާލު،" އޮސްކާ ބުންޏެވެ.
އޮސްކާ ބުނީ މުބާރާތުގެ ތާރީހަށް ބެލިޔަސް، ރޭންކިން އަށް ބެލިޔަސް، ލީގަށް ބެލިޔަސް އިންޑިއާ މި ފެންނަނީ ވަރުގަދަކޮށް ކަމަށާއި، އެހެން ނަމަވެސް ފޯކަސް ހުރީ އެހެން ޓީމުތަކުގެ ފެންވަރު ބެލުމަށް ނޫންކަމަށެވެ. އަދި އެންމެ ބޮޑު ފޯކަސްއެއް އޮތީ މާދަމާގެ މެޗުގައި އިންޑިއާ ޓީމު ބަލިކުރުމަށްކަމަށް އޮސްކާ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން ބަންގްލަދޭޝް އަދި މޮޅެއް ނުވެ އެެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ މި އަހަރުގެ ޖޫން މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ މެޗެއްގަ އެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ އިންޑިއާ އެވެ. އޭގެ ކުރިން 2019 ވަނަ އަހަރު ސޯލްޓް ލޭކްގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
"ލަންކާގެ ޑިފެންސް ވަރަށް ރަނގަޅު. އެ ޓީމު ގާތުގައި އަހަރުމެންނަށް ކުޅެލަން ފުރުސަތު ކޮންމެވެސް ވަރަކަށް ލިބުން. އެކަމަކު އިންޑިއާ ތަފާތު ވާނެ. އެމީހުން ވަރުގަދަ ފައިޓެއް ދޭނެ."
ބަންގްލަދޭޝްއާއި އިންޑިއާ ބައްދަލު ކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ޖަހާއިރުއެވެ.