07 Oct 2021, 12:25
އަހަރަކު ބައި މިލިއަނެއް ހާ މީހުން އެ ބައްޔެއްގެ ސަބަބުން މަރުވާ ނުރައްކާތެރި ބަލި މެލޭރިއާއަށް ތައްޔާރުކޮށްފައިވާ ވެކްސިނަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ފުރަތަމަ ފަހަރަށް ހުއްދަ ދީފިއެވެ.
ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިވަނީ އިނގިރޭސިވިލާތުގެ މަލްޓިނޭޝަނަލް ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ ގްލެކްސޯސްމިތުކްލައިން އުފައްދާފައިވާ "މޮސްކުއިރިކްސް" ވެކްސިނަށެވެ.
ޑަބްލިޔުއެޗްއޯއިން ބާރު އަޅާފައިވަނީ އެފްރިކާގެ ސަބް-ސަހަރާ ސަރަހައްދާއި މެލޭރިއާ ފެތުރެމުންދާ އެހެނިހެން ސަރަހައްދުތަކުގައި ކުޑަކުދިންގެ ގަޔަށް އެ ވެކްސިން ޖެހުމަށެވެ.
ޑަބްލިއުއެޗްއޯއިން އެގޮތަށް ލަފާ ދިނީ އެފްރިކާގެ ގާނާއާއި ކެންޔާ އަދި މަލާވީގެ ކްލިނިކް ތަކުގައި އެ ވެކްސިން ޖެހުމަށް ކުރިއަށްގެންދާ ޕައިލޮޓް ޕްރޮގްރާމްއަކާ ގުޅިގެން ބަލި ފެތުރުމަށް އައި ބަދަލުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހުގައެވެ.
މިހާތަނަށް 800،000 ކުދިން ބައިވެރިކޮށްފައިވާ އެ ޕްރޮގްރާމުގައި ޖަހާ "މޮސްކުއިރިކްސް" ވެކްސިންގެ ސަބަބުން މެލޭރިއާ ފެތުރުމުގެ ފުރުސަތު 30 ޕަސެންޓަށް ދަށްވާ ކަން ހޯދިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.
ބޭރުގެ ނިއުސް އެޖެންސީއަކަށް މައުލޫމާތު ދެއްވަމުން ޑަބްލިޔުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރޭސަސް ވިދާޅުވީ އެއީ ކުޑަކުދިންނަށް ހާއްސަ ވެކްސިނެއް ކަމަށާއި އެއީ މެލޭރިއާ ކޮންޓްރޯލް ކުރަން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
"ކުޑަކުދިންނަށް ހާއްސަ މި ވެކްސިންއަކީ މެލޭރިއާ ބަލި މަޑުކަން ކޮންޓްރޯލް ކުރުމަށާއި ކުޑަކުދިންގެ ސިއްހަތު ރަނގަޅު ކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. މި ވެކްސިންގެ ސަބަބުން އެތައް ހާސް ކުދިން މި ބަލިން ސަލާމަތް ކުރެވޭނެ،"
މީގެ އިތުރުން މެލޭރިއާގެ ބާވަތެއް ކަމަށްވާ ޕްލާސްމޯޑިއަމް އާ ދެކޮޅަށް ވެސް އެ ވެކްސިން ބޭނުން ކުރެވޭނެ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
މި ވެކްސިންގައި ޖަހަނީ ހަތަރު ޑޯޒެވެ. ފުރަތަމަ ތިން ޑޯޒު ޖަހަނީ ކުއްޖާގެ އުމުރުން ފަސް މަހާއި ހަ މަހާއި ހަތް މަހުގައެވެ. އަދި އެންމެ ފަހު ބޫސްޓާ ދެނީ އުމުރުން 18 މަހުގައެވެ.
ކޮންމެ އަހަރަކުވެސް މެލޭރިއާގެ 229 މިލިއަނަށް ވުރެ ގިނަ ކޭސް ދުނިޔެއިން ފެންނައިރު އޭގެ ތެރެއިން 94 ޕަސެންޓު ކޭސްތައް ފެންނަނީ އެފްރިކާ ބައްރުންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބަލި ޖެހޭ މީހުންގެ ތެރެއިން ބައި މިލިއަނެއްހާ މީހުން ކޮންމެ އަހަރަކުވެސް މަރުވެއެވެ. އެ އަދަދުގެ ތެރޭގައި ފަސް އަހަރުން ދަށުގެ 260،000 ކުޑަކުދިން ވެސް ހިމެނެއެވެ.