ކުރިން އިއުލާނުކޮށްފައިވާ ބޮޑީ ވޯން ކެމެރާގެ އަދަދު 1،400 އިން މަދުކޮށް 200 ކެމެރާ ހޯދުމަށް އަލުން ފުލުހުން އިއުލާނުކޮށްފިއެވެ.

ކެމެރާގެ އަދަދު މަދުކޮށް އަލުން އިއުލާނުކޮށްފައިވަނީ ކުރިން ކޮށްފައިވާ އިއުލާނަށް ކުރިމަތިލީ ފަރާތްތަކުގެ ޝަރުުތު ހަމަ ނުވުމުންނެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް 1400 "ބޮޑީ ވޯން ކެމެރާ" ނުވަތަ ގައިގައި ހަރުކުރާ ކެމެރާ ސަޕްލައި އަދި ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައިވަނީ އޯގަސްޓު މަހުގެ އެއްވަނަ ދުވަހެވެ.

ފުލުހުންގެ މަސައްކަތަށް ބޮޑީ ވޯން ކެމެރާ އިތުރުކޮށް، ޓެސްޓުކުރުމަށް މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ވަނީ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

އޭރު ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވީ ބޮޑީ ކެމެރާގެ ސަބަބުން ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީވެދޭނެ ކަމަށެވެ.

އެގޮތުން އާންމުންނާ މުއާމާލާތް ކުރުމާއި ފުލުހުންގެ މިސްކޮންޑަކްޓާ ގުޅޭ ޝަކުވާތައް އަންނަ މިންވަރު މަދުކޮށް، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ބޮޑުކޮށްދޭނެ ވަސީލަތެއްކަން ސާބިތުވެފައިވާކަން ހަމީދު ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓްރީއާއި ފުލުހުންގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުން ކަމަށް މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.