09 Oct 2021, 12:54
ކާބުލް (އޮކްޓޯބަރު 9): އަފްޣާނިސްތާނުގައި ޝިޔައީންގެ މިސްކިތެއްގައި ބޮން ގޮއްވާލައިގެން 60 އަށްވުރެ ގިނަ މީހުން މަރާލައި 100 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލި ޖަރީމާ އެގައުމުގައި ވެރިކަންކުރާ ތާލިބާން ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.
ތާލިބާން ސަރުކާރުގެ ތަރުޖަމާން އަދި އިންފޮމޭޝަން މިނިސްޓްރީގެ ވަކީލު ޒަބީހުﷲ މުޖާހިދު ވިދާޅުވިގޮތުގައި މި ޖަރީމާ ގެ ފަހަތުގައި ތިބި ފަރާތްތަކަށް ހައްގު އަދަބު ދެވޭނެއެވެ. ބޮން ގޮއްވާލާފައިވަނީ ކުންދޫޒް ގައި ހުންނަ އަފްޣާން ހަޒާރާ ދަރިކޮޅުގެ ޝިޔައީ ގެ މިސްކިތެއްގައި އިއްޔެ ގެ ހުކުރުނަމާދު ކުރުމަށް ގިނަ ބަޔަކު އެމިސްކިތުގައި ތޮއްޖެހިގެން ތިއްބައި މިސްކިތުތެރޭގައި ކަމަށްވެސް މުޖާހިދު ވިދާޅުވިއެވެ. މިޖަރީމާ ހިންގީ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން މިސްކިތަށް އަރައިތިބި ބައެއްކަމަށާ ހަށިގަނޑު ގޮއްވާލައިގެން މި ހަމަލާ ދިނުމުގައި އެކަކަށްވުރެ ގިނަމީހުން ބައިވެރިވި ކަމަށް ބެލެވޭކަމަށްވެސް މުޖާހިދު ވިދާޅުވިއެވެ.

އަފްޣާން މިސްކިތަށް އިއްޔެ ދިން ހަމަލާގައި ޒަޚަމްވެފައިވާ މީހެއް
މިހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތުންނެވެ. މުޖާހިދު ވިދާޅުވިގޮތުގައި މިހަމަލާގެ ބޭނުމަކީ އަފްޣާނިސްތާނުގެ ސުންނީންނާއި ޝިޔައީން ޖައްސައި ފިތްނަ ކުރުވުމެވެ. މިހަމަލާގެ ފަހަތުގައިވާ ޓެރަރިސްޓުން ނައްތާލާނެ ކަމުގެ އިންޒާރުވެސް މުޖާހިދު ދެއްވިއެވެ.
އައިއެސް ޖަމާއަތަކީ މިސްކިތްތަކުގައި ބޮންގޮއްވައިގެން މީހުން މެރުމަށްވެސް އަރައިހުރި ޖަމާއަތެކެވެ. މިސްކިތްތަކަށް އެޖަމާއަތުން އާންމުގޮތެއްގައި ހަމަލާދެނީ ޝިޔައީންގެ މިސްކިތްތަކަށެވެ. ނަމަވެސް އެޖަމާއަތާ އިދިކޮޅު ސުންނީންގެ މިސްކިތްތަކަށްވެސް ހަމަލާތައް ދީފައިވެއެވެ. އިރާގާއި ސޫރިޔާއާއި ޕާކިސްތާނުގެ ޝިޔައީންގެ މިސްކިތްތަކަށްވެސް އައިއެސްގެ ގިނަ ހަމަލާތަކެއް އަމާޒުވެފައިވާއިރު އެފްރިކާގެ ދެގައުމު ކަމަށްވާ މާލީއާއި ނައިޖީރިއާގައި ސުންނީންގެ މިސްކިތްތަކުގައިވެސް އައިއެސް އިން ބޮން ގޮއްވާފައިވެއެވެ.
އަފްޣާނިސްތާނުގައި ޝިޔައީންނަކީ މައިގަނޑުގޮތެއްގައި ހަޒާރާ ދަރިކޮޅު މީހުންނެވެ. އެއީ ބައިމަދު ޖަމާއަތެކެވެ. ބައިމަދު ހަޒާރާ ދަރިކޮޅުގެ ޝީޔައީން މެރުމަކީ އަދި ޝިޔައީންގެ މިސްކިތްތަކަށް ހަމަލާތައް ދިނުމަކީ އައިއެސް ޖަމާއަތުގެ އަފްޣާން ގޮފިން އެންމެ ގިނައިން ކުރަމުން ގެންދާ އެއްކަންތަކެވެ.

އަފްޣާނިސްތާނުގެ މިސްކިތަށް ދިން ޙަމަލާގައި ޒަޚަމްވެފައިވާ މީހެއް
މަންޒަރު ދުށް މީހުންނާ ހަވާލާދީ އަފްޣާން ސަރުކާރުގެ މީޑިއާ ބުނާގޮތުން ހަޒާރާ ދަރިކޮޅުގެ ޝީއީންގެ މިސްކިތެއްކަމަށްވާ ގުންދޫޒް ސަރަހައްދުގެ ގުޒާރޭ ސައްޔިދު އާބާދު މިސްކިތުގައި އިއްޔެ ބޮން ގޮއްވާލާފައި ވަނީ އިއްޔެގެ ހުކުރުނަމާދުގައި އިމާމް ހުކުރު ޚުތުބާ ކިޔައި ނިމެމުންދަނިކޮށެވެ. ބޮން ގޮއްވާލުމާއެކު މިސްކިތްވަނީ އިންސާނުންގެ ލެއާއި ހަމާއި މަހާއި ކަށިތަކުން ތަތްތެޅި މުޅިތަން ލޭގެ ކޯރަކަށްވެފައެވެ. މިއީ އިންސާނަކަށް ބަލަން ދަތި އަނިޔާވެރި މަންޒަރެއްކަމަށްވެސް މަންޒަރު ދުށްމީހުން ސިިފަކޮށްފައިވެއެވެ. ނަމަވެސް އަފްޣާނިސްތާނުގައި މިއީ އާންމު މަންޒަރެކެވެ.
ކުންދޫޒް ސަރަހައްދުގެ ކަލްޗަރ އެންޑް އިންފޮމޭޝަން މިނިސްޓްރީގެ ޑިރެކްޓަރު މުތީއުﷲ ރޫޙާނީ ވިދާޅުވިގޮތުގައި ހުކުރު ޚުތުބާ ކިޔަމުން ދިޔަ ވަގުތުގައި ޝިޔައީންގެ މިސްކިތުގައި ބޮންގޮއްވާލާފައިވަނީ ޖާނު ގޮއްވާލައިގެން އަމިއްލައަށް މަރުވެގެންނެވެ. އެކަންކުރީ ހުކުރު ނަމާދުކުރުމަށް އެމިސްކިތަށް އަރައިތިބި ބައެކެވެ. ނޫނީ އެމިސްކިތަށް އަރައިހުރި މީހެކެވެ.
ތާލިބާނުންނާ ދުޝްމަން ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތުން ވަނީ އަފްޣާނިސްތާނުގެ ވެރިކަމަށް ދެވަނަ ފަހަރަށް ތާލިބާނުން އައުމާއެކު އެޖަމާއަތުގެ ޓެރަރިސްޓް ހަމަލާތައް އަފްޣާނިސްތާނުގައި އިތުރަށް ވަރުގަދަކޮށްފައެވެ. ތާލިބާނުންވެސް ދާދިފަހުންވަނީ އަފްޣާނިސްތާނުގެ އުތުރުގައިބަ އައިއެސް ޖަމާއަތުގެ މަރުކަޒުތަކަށް ހަމަލާތަކެއްދީ އައިއެސްގެ ގިނައަދަދެއްގެ ޓެރަރިސްޓުން މަރާލާފައެވެ.