09 Oct 2021, 15:16
އުމުރުން އެންމެ 10 އަހަރުގެ ކުޑަކުދިންވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހި އެކަމަށް ފަރުވާ ހޯދަމުންދާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ބުނެފިއެވެ.
އެންޑީއޭގެ ލީގަލް އޮފިޝަލް އަދި މީޑިއާ އޮފިޝަލް އަހުމަދު ހިލްމީ ވިދާޅުވީ އެންމެ ކުޑަ އުމުރެއްގެ ގޮތުން މަސްތުވާތަކެތި ބޭނުން ކުރާ އުމުރަކަށް އެ އިދާރާއަށް ފާހަގަ ކުރެވިފައިވަނީ 10 އަހަރުގެ ކުދިން ކަމަށެވެ.
ނަމަވެސް ހެލްތް މިނިސްޓްރީގެ ހޯދުންތަކުން ދައްކާ ގޮތުގައި އުމުރުން އަށް އަހަރުގެ ކުދިންވެސް ރާއްޖޭގައި މަސްތުގެ ޝިކާރައަކަށް ވެފައި އެބަތިއްބެވެ.
"މިވަގުތު ފަރުވާ ދެމުން އަންނަނީ ހަތަރު ކުއްޖަކަށް. ފަސް ކުއްޖަކު އަދި ފަރުވާ ދޭން ނުފެށި އެބަ ތިބި. އެއީ އެ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެމީހުންގެ ވެސް މަޝްވަރާއާއެކު ފަށަންވެގެން މަޑުކޮށްފައި ތިބި ކުދިން. އެހެންވީމަ މުޅިއެކު ނުވަ ކުދިން އެންޑީއޭގެ ފަރުވާގެ ދަށުގަ މިތިބީ." ހިލްމީ ވިދާޅުވިއެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިކަމަށް ދެވޭ ފަރުވާގެ ނިޒާމު ރާއްޖޭގައި އޮންނަނީ ދެ އުސޫލެއްގެ މަތިންނެވެ. އެއީ ޑްރަގް ކޯޓު މެދުވެރިކޮށް ނުވަތަ އަމިއްލައަށް އެދިގެންނެވެ.
ފަރުވާ ފެށުމުގެ ކުރިން ފަރުވާ ދެވޭ ފަރާތްތަކަށް ދޭން ޖެހެނީ ކޮން ކަހަލަ ފަރުވާއެއްތޯ އަދި ފަރުވާ ދޭން ޖެހެނީ ކިހާ މިންވަރަކަށްތޯ ބެލުމަށްޓަކައި އިމްތިހާނެއް ކުރިއަށް ގެންދެއެވެ.
އެގޮތުން ލޯ ރިސްކް ކަމުގައިވާނަމަ މުޖުތަމައުގެ އާއްމު ނިޒާމުގެ ތެރޭގައި ބަހައްޓައިގެން (ކޮމިއުނިޓީ ރީއިންޓަގްރޭޝަން) އެ ކުއްޖަކަށް ފަރުވާ ދެވޭނެއެވެ. އަދި އެ ކުއްޖާ މީޑިއަމް ރިސްކުގެ ދަރަޖައަށް ފެތޭނަމަ ފަރުވާ ދެވޭނީ ޑީޓޮކްސިފިކޭޝަންގެ 14 ދުވަހާ އެކު 21 ދުވަހުގެ ޕްރޮގްރާމެއްގެ ތެރެއިންނެވެ. ނުވަތަ ޑޮކްޓަރަށް ދެއްކުމަށްފަހު ބޭހާއެކު މުޖުތަމައުގައި ބަހައްޓައިގެން (ޑީޓޮކްސިފިކޭޝަން ނުވަތަ އައުޓްޕޭޝަންޓް ސާވިސް އަދި ކޮމިއުނިޓީ ރީއިންޓަގްރޭޝަން) އެވެ. ހައި ރިސްކު ކަމުގައި ވަނީނަމަ ފަރުވާ ކުރިއަށް ގެންދާނީ ރެސިޑެންޝަލް ޓްރީޓްމެންޓް ނުވަތަ ސެންޓަރުގައި ބަހައްޓައިގެންނެވެ.
މީގެ އިތުރުން ދިގު މުއްދަތެއް ވަންދެން މަސްތުވާތަކެތި ބޭނުން ކުރަމުން އަންނަ ކުދިންގެ ތެރެއިން ފަރުވާ ކުރަމުންދާ އިރުވެސް މަސްތުވާ ތަކެއްޗާ ދުރުގައި ނުތިބެވޭ ކުދިންނަށް ސައިކެޓްރިސްޓެއްގެ ލަފައާއެކު ދިގު މުއްދަތަކަށް ބޭސް ކާން ޖެހޭނެއެވެ. އަދި އެއާއެކު ކުރިއަށްގެންދާ ޕްރޮގްރާމްގައިވެސް ބައިވެރިވާން ޖެހޭނެއެވެ.
ހިލްމީ ވިދާޅުވީ މަގުމަތީގައި މަސްތުވަމުންދާ ގިނަ ޒުވާނުންވެސް އެންޑީއޭގެ ފަރުވާގެ ދަށަށް ގެންނަން މަސައްކަތް ކުރަމުން ދާ ކަމަށެވެ.
ހެލްތު މިނިސްޓްރީން ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި 2014 ވަނަ އަހަރު މަސްތުވާތަކެތީގެ ޝިކާރައަށް އާންމު ގޮތެއްގައި ވެފައިވަނީ އުމުރުން 22 އަހަރާއި 37 އަހަރުގެ މީހުންނެވެ. ނަމަވެސް ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި މި އުމުރުފުރާ ވަނީ 17 އަހަރާއި 68 އަހަރަށް އިތުރުވެފައެވެ.