ބޮމުގެ ހަމަލާއަށް ފަހު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަން "ސަން"އަށް އެނގިއްޖެއެވެ.

މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އެ މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައެވެ. އަދި ޖުލައި މަހުގެ 21 ވަނަ ދުވަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

މިހާރު ރައީސް ނަޝީދު ހުންނެވީ ދުބާއީގައެވެ. އެއީ ދުބާއީ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ. އެނގިފައިވާ ގޮތުގައި، ދުބާއީން މިއަދު މެންދުރު ފަހު ރައީސް ނަޝީދު މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މޭ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އައިއީޑީއެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ. އެގޮތުން އަދިވެސް ބައެއް ގުނަވަންތައް މަސައްކަތްކުރުމުގައި ދަތިތަކެއް އެބަ ހުރި ކަމަށް އެމަނިކުފާނާއި ގާތް ބައެއް ބޭފުޅުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވައި، ރާއްޖެއިން ބޭރުގައި ހުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސް ނަޝީދު ވަނީ މަޖިލީހުގައި އެދިވަޑައިގެންފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، ހަމަލާ ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރު ކުރުމުގެ ކުރިން ރާއްޖެ ދިޔުމަކީ އެމަނިކުފާނުގެ އާއިލާއާއި، ހުދު އެމަނިކުފާނުވެސް ޖެހިލުންވާ ކަމެއް ކަަމަށް ބުނެއެވެ.

ނަމަވެސް މިއަދު ރައީސް ނަޝީދު މާލެ ވަޑައިގަންނަވާއިރު އެ ހާލަތު ބަދަލުވެފައިވާ ކަން އެމަނިކުފާނު ވިދާޅުވެފައެއްނުވެއެވެ.