11 Oct 2021, 19:11
ފްލައިން ސްކޫލު ހިންގަން ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއަށް އެވޯޑް ކޮށްފައި ވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.
ފްލައިން ސްކޫލު އަލުން ހިންގުމަށް ޓަކައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި އައިލެންޑް އޭވިއޭޝަން ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެެއް ހަދަން ނިންމާފައިވާކަމަށް މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް "ސަން" އަށް ވިދާޅުވީ ޑިސެމްބަރު މަސް ފެށެންވާއިރަށް ކިޔެވުން ފެށުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
މޫސަ ވިދާޅުވީ ފްލައިން ސްކޫލްގެ ކިޔެވުން ފެށުމުގެ ކުރިން ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލުގެ ބޭފުޅުން ރާއްޖެ އަންނާނެ ކަމަށާއި އެމީހުންގެ އެއާކްރާފްޓެއްވެސް ފްލައިން ސްކޫލަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެންޔޫގެ ހިތަދޫ ކެމްޕަހުގައި ތިއަރީ ކްލާސްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު، ޕްރެކްޓިކަލް ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައެވެ.
އައްޑޫ ފްލައިން ސްކޫލްގެ ހިންގުން ދޯދިޔާވެ ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ކޯސް ދިގު ދަންމާލަމުން ދަނިކޮށް، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ އައްޑޫ ފްލައިން ސްކޫލް އެވިޑް ކޮލެޖާ ހަވާލު ކޮށްފައެވެ.
ނަމަވެސް ފްލައިން ސްކޫލް ކުދިންގެ ހައްގު ހޯދައިދިނުމަށް ކުރެވުނު ހުރިހާ ކަމެއް ކޮށް، އެކަމަށް އަލިމަގެއް ނުފެނުމުން އެވިޑުން ވަނީ މި އަހަރުގެ ސެޕްޓެމްބަހު މަހުގެ ތެރޭގައި އެެއްބަސްވުން އުވާލާފައެވެ.