"ވާނުވާ" ބަންދުގައި ތިބޭ ގައިދީންނަށް ލިބެން ޖެހޭ ބޭސްފަރުވާގެ ހިދުމަތް ހައްލުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

މައްސަލަ ހުށަހަޅުއްވަމުން ސިރާޖު ވިދާޅުވީ ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދުގައި އެކި ބަޔަކު އެތައް އަހަރެއް ހޭދަކުރާ ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި އިބްތިދާއީ އަޑުއެހުން ނުފެށިވާ މީހުންނާއި ހެކި ބަސް ނެގުމުގެ މަރުހަލާގައިވާ މީހުންނާއި ހުރިހާ އަޑުއެހުމެއް ނިމި ހުކުމް ނުކުރެވި ހުރި ގިނަ ދުވަސްވެފައިވާ މީހުން ވެސް ހިމެނޭ ކަމަށެވެ.

ސިރާޖު ވިދާޅުވީ ވާނުވާ ބަންދަށް ހައްލެއް ނުލިބިވާއިރު، ދެން އެންމެ ބޮޑު މައްސަލައަކީ ބަންދުގައި ތިބޭ މީހުންނަށް ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ކަމަށެވެ.

"ދެން އޮތް އަނެއް ކަންބޮޑުވުމަކީ ވާނުވާ ބަންދުގައި ތިބޭ ފަރާތްތައް ހިމެނޭ ގޮތަށް، ބަންދު ކުރެވިފައިވާ އެތަކެއް ސަތޭކަ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ބޭސްފަރުވާގެ ހިދުމަތް އެކަށީގެންވާ މިންވަރަށް ފޮރުކޮށްދެވެމުން ނުދާ މައްސަލަ," ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވަނީ މައްސަލަ ހުށަހެޅުއްވިއިރު މި ފަހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މަރުވި ގައިދީއެއް ކަމަށްވާ މ. މަލަސް, އިސްމާއީލް ޝަބީން ބަންދުގައި ހުރިއިރު ބޭސްފަރުވާއަށް އެތައް ފަހަރެއްގެ މަތީން އެދިފައިވާ ކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އޭނާއަށް ބޭނުންވާ ފަރުވާ ލިބިފައިނުވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

"މިކަމުން ދަލާލަތު ކޮށްދެނީ ޖަލުތަކުގައި އަދިވެސް ބޭސްފަރުވާގެ އިންތިޒާމުތައް އެންމެ ރަނގަޅަށް ހަމަޖެހިފައިނުވާ ކަން،" ސިރާޖު ވިދާޅުވިއެވެ.

އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މި މަހުގެ ފަސް ވަނަ ދުވަހު މަރުވި ޝަބީނަކީ ހަކުރު ބައްޔަށް ބޭސްކުރަމުން ދިޔަ މީހެކެވެ.