12 Oct 2021, 15:35
އުރީދޫ ސާފްޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ވާދަކުރާ މެޗުން މޮޅުވެއްޖެނަމަ، ފައިނަލް މެޗާ ހަމައަށް ކޮންމެ ރެއަކު މިއުޒިކް ޝޯ ބާއްވަން ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވީ މާދަމާގެ މެޗުގެ ފޯރި ނަގައި، ގިނަ ބަޔަކު ބައިވެރިކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފައިވާ ކަމަށެވެ.
ޔޫތު މިނިސްޓްރީއާއި އުރީދޫގެ އިތުރުން އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ތެރެއިން މާދަމާ ހަވީރުން ފެށިގެން ކާނިވާ ސަރަހައްދުގައި މެޗު ބެލުމާއެކު މިއުޒިކް ޝޯތަކެއް ކުރިއަށްގެންދަން ވަނީ ރާވާފައެވެ.
މަހުލޫފް ވިދާޅުވީ މާދަމާ ރޭގެ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމައަށް ކޮންމެ ރެއަކު ވެސް މި ޝޯ ކުރިއަށް ގެންދާނެ ކަމަށެވެ.
މާދަމާ ރޭ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗަށް ވިއްކަން ހަމަޖެއްސި 3000 ޓިކެޓު މިހާރު ވަނީ ވިކި ހުސްވެފައެވެ. ޓިކެޓު ހޯދަން ކިޔޫ ހެދި އެންމެނަށް ޓިކެޓު ނުލިބުމުން ބައެއް ފަރާތްތަކުން ނުރުހުން ވެސް ފާޅުކޮށްފައިވެއެވެ.
މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވަމުން އަންނައިރު، މެޗަކަށް ވުރެ މެޗެއްގެ ފޯރި އަންނަނީ ގަދަވަމުންނެވެ.
ކާނިވާ ސަރަހައްދުގެ އިތުރުން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯ ބޮޑު ސްކްރީނުން ވެސް އަންނަނީ އަޅުވަމުންނެވެ.
ސްޓެލްކޯއިން ބުނީ މެޗުތައް އަޅުވަން ނިންމީ، ގައުމީ ރޫހު އިތުރަށް އާލާކޮށް ވީހާވެސް ގިނަ ބަޔަކަށް ރާއްޖެ ކުޅޭ މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކަމަށެވެ.