17 Oct 2021, 13:41
ހުޅުމާލޭ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) ގައި ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ, އެޗްއެމްއެފް ގައި ކޮވިޑަށް ފަރުވާދެމުންދިޔަ އުމުރުން 80 އަހަރުގެ ފިރިހެނަކު މިއަދު ހެނދުނު 7:45 ހާއިރު މަރުވެފައިވާ ކަމަށެވެ.
އެއާ އެކު ރާއްޖެ އިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 238 އަށް އަރާފައެވެ.
ރާއްޖެ އިން އެންމެ ފަހުން ކޮވިޑް ޖެހިގެން މީހަކު މަރުވެފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެ މީހާ މަރުވީ އައްޑޫ ސިޓީންނެވެ.
ކޮވިޑް ޖެހިގެން މާލެ ސަރަހައްދުން އެންމެ ފަހުން މީހަކު މަރުވެފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އެޗްޕީއޭ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 84 މީހަކާއި މާލެއިން 13 މީހުން އަދި ރިސޯޓްތަކުން 14 މީހުންނެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،251 އެވެ.
މި ބަލީގައި 17 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 86,088 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 84,587 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.