19 Oct 2021, 11:45
މާލެ އަތޮޅުން ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމަށް މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ބުނީ، މިހާރުވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ މީހުންނާއި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ މީހުނަށް، މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކ. ގާފަރުގައި ބާއްވާ ހަފްލާގައި އެވޯޑެއް ދޭން ހަަމަޖެހިފައިވާ ކަމަށެވެ.
މި އެވޯޑް ދޭނީ މާލެ އަތޮޅުން ހޮވާލެވޭ އެންމެ ހިދުމަތްތެރި 35 އަހަރުން ދަށުގެ ކެޔޮޅަށާއި 35 އަހަރުން މަތީގެ އެންމެ ތަޖުރިބާ ކެޔޮޅަށެވެ.
އެހެންކަމުން މި އެވޯޑަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން އެވޯޑަށް ކުރިމަތިލާން ބޭނުންވާ މީހުން އެކަމަށް އެދި ފިޝަރީސް މިނިސްޓްރީއަށް ހުށަހަޅަން ވަނީ އަންގާފައެވެ.
އެންމެ ހިދުމަތްތެރި ޒުވާން އަދި ތަޖުރިބާކާރު ކެޔޮޅުން ހޮވުމަށްޓަކައި ފޯމު ފުރިހަމަކޮށް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 15ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެވޯޑަށް އެދި ހުށަހަޅަން ޖެހޭފޯމާއިކްރައިޓީރިއާމިނިސްޓްރީގެވެބްސައިޓުންޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، އެވޯޑަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީގެ މެއިލް އަށް ފޮނުވުމަށް ފިޝަރީސް މިނިސްޓްރީން ބުންޏެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ނިންމާފައި ވަނީ މާލެ އަތޮޅު ގާފަރުގައެވެ.
ފިޝަރީސް މިނިސްޓްރީން ބުނެފައިވަނީ، ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ނިންމީ ކޮވިޑް-19ގެ ސަބަބުން ހަރަދު ކުޑަ ކުރުމުގެ ގޮތުން މާލެ ކައިރީ ސަރަހައްދެއްގައި އެދުވަސް ފާހަގަކުރުމަށް ކަމަށެވެ.
މިދިޔަ އަހަރު ކޮވިޑްގެ ސަބަބުން މަސްވެރިންގެ ދުވަސް ފާހަގަ ކުރީ ވާޗުއަލް ކޮށެވެ.
މި އަހަރު ފާހަގަ ކުރާ މަސްވެރިންގެ ދުވަހަކީ ރާއްޖޭގައި ފާހަގަ ކުރާ 41 ވަނަ މަސްވެރިންގެ ދުވަހެވެ.