މި މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯއަށް ވުރެ ގިނަ ހެރޮއިން އަތުލައިގަތް މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހުން ފިޔަވައި އެހެން އެންމެން ކޯޓުން ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކުރީ 10 މީހުންނެވެ. އަދި އެ މީހުންނަށް މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އެ ކަމުގައި އެންމެ އިސްކޮށް އުޅޭ ދެ މީހުން ކަމަށް ފުލުހުން ތުހުމަތު ކުރާ ދެ މީހުން ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ފުލުހުން އެ ދެ މީހުންގެ ވަނަވަރު ވެސް ހާމަކޮށްފައި ނުވާއިރު، އެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ. ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ ހައިކޯޓު މަރުހަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތު ނޯންނާތީ އާއި ދަށު ކޯޓަށް ހުށަހެޅި ހެކި ގަރީނާގެ މައްޗަށް ބަލައި ބަންދު ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެ ކަމަށް ނުފެންނާތީއެވެ.

ކޯޓުން މުއްދަތު ޖަހައިދިން އަށް މީހުންނަކީ؛

  1. ޖުމާން މުސްތަފާ (19އ)، ނ. ވެލިދޫ ބީޗްހެވަން

  2. އިބްރާހިމް ޒައިދު ހަބީބު (25އ)، ގއ. ކޮލަމާފުށި، ސޯސަންގެ
  3. މުހައްމަދު އަހްމަދު (34އ)، ލ. ކަލައިދޫ، ޖަނަވަރީމާގެ
  4. އިބްރާހިމް ސިނާނު (24އ)، ހދ. ކުމުންދޫ، ޑިއާފުރެންޑު
  5. މުހައްމަދު ހުސައިން (61އ)، ދ. ބަނޑިދޫ، ޕޮލަރިސް
  6. އެމްޑީ ރަފީގުލް އިސްލާމް (35އ)، ބަންގްލަދޭޝް
  7. ޑީއެމް މޮބިން (24އ)، ބަންގްލަދޭޝް
  8. މިދުހަތު އިބްރާހިމް (26އ)، ގއ. ދެއްވަދޫ، ދޭލިޔާގެ

މުއްދަތު ޖެހި މީހުންގެ ތެރެއިން އެންމެ ފުރަތަމަ ދޫކޮށްލީ މިދުހަތު އިބްރާހިމްއެވެ. އެއީ މި މަހުގެ 26 ވަނަ ދުވަހުގައެވެ. އޭނާ ދޫކޮށްލާފައިވަނީ އެއްވެސް ޝަރުތަކާ ނުލައެވެ.

އޭގެ ފަހުން މި މަހުގެ 28 ވަނަ ދުވަހު އިބްރާހިމް ޒައިދު ހަބީބު އާއި އިބްރާހިމް ސިނާނު ވެސް ކޯޓުން ވަނީ ދޫކޮށްލާފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ ބިދޭސީ ދެ މީހުންނާއި މުހައްމަދު ހުސައިން (61އ) އާއި މުހައްމަދު އަހްމަދު (34އ) އާއި ޖުމާން މުސްތަފާ (19އ) އެވެ.

މި މައްސަލައިގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

ޕަބްލިކް ޕްރޮސެކިއުޓާ އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު "ސަން"އަށް ވިދާޅުވީ މުއްދަތު ޖެހި މީހުންގެ ތެރެއިން ދޫކޮށްލި މީހުންގެ މައްސަލަ އިސްތިއުނާފު ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

އެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދޭން ފުލުހުން ވެސް އެދިފައި ނުވާ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.