އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލްސް އިން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލި ކުރިއިރު، ނިއުކާސަލް ޔުނައިޓެޑް އަތުން ޗެލްސީ ބޮޑު މޮޅެއް ހޯދައިފިއެވެ.

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުިން އެ ޓީމު ކްރިސްޓަލް ޕެލަހުގެ އަތް ދަށުވީ 0-2 ގެ ނަތީޖާއަކުންނެވެ. މި ބައްޔާއެކު ސިޓީއިން ދެވަނައަށް އެރުމުގެ ފުރުސަތު ގެއްލުވާލިއިރު، އެ ތީމު ތިންވަނައިގައި އޮތީ 20 ޕޮއިންޓާއެކުއެވެ. އެ މެޗުން މޮޅުވި ޕެލަސް އޮތީ 13 ވަނައިގައެވެ.

ސިޓީއިން ވަރުގަދަ ސްކޮޑަކާ އެކު މެޗު ފެށި އިރު، ޕެލަހުން ވަނީ މެޗުގެ ހަވަނަ މިނަޓުގައި ލީޑު ނަގައިފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިލްފްރައިޑް ޒަހާއެވެ.

ކްރިސްޓަލް ޕެލަހުގެ ފޯވާޑް ޒަހާ، މެންޗެސްޓާ ސިޓީކޮޅަށް ގޯލު ޖެހުމަށްފަހު -

ޕެލަސްގެ ގޯލާއެކު ޓީމު ކުރިއަށް ޖައްސައިގެން ސިޓީއިން ކުޅެމުން ދަނިކޮށް އެ ޓީމަށް ނަތީޖާ އަނބުރާލަން އުނދަގޫވީ ފުރަތަމަ ހާފު ނިމެންދަނިކޮށް އެ ޓީމުގެ ސެންޓަރަލް ޑިފެންޑަރު އެމެރިކް ލަޕޯޓްއަށް ރަތްކާޑު ދެއްކުމުންނެވެ. ލަޕޯޓްއަށް ރަތްކާޑު ދެއްކީ ސިޓީގެ ލާސްޓް ޑިފެންޑަރުގެ މަގާމުގައި ހުރެ ޕެލަހުގެ ފޯވާޑަށް ފައުލު ކުރުމުންނެވެ.

ދެވަނަ ހާފުގައި ޕެލަސްއަށް ލީޑު އިތުރަށް ފުޅާކޮށްދިނީ ކޯނޯ ގެލެހާއެވެ.

ނިއުކާސަލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުން ޗެލްސީ ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ޗެލްސީ ވަނީ އެއްވަނައިގައި ތިން ޕޮއިންޓަށް ފަރަގު ބޮޑު ކޮށްފައެވެ. ޗެލްސީ އެއްވަނައިގައި އޮތީ 10 މެޗުން ހޯދި 25 ޕޮއިންޓާއެކުއެވެ. މިރޭގެ މެޗުން ބަލިވި ނިއުކާސަލް އޮތީ ފުލުން ދެވަނައިގައި ހަތަރު ޕޮއިންޓާއެކުއެވެ.

މިިރޭގެ މެޗުގައި ޗެލްސީއިން ޖެހި ތިން ގޯލުވެސް އެ ޓީމުން ޖެހީ ދެވަނަ ހާފުގައެވެ. އެ ޓީމުގެ ގޯލުތައް ޖަހައިދިނީ ރީސް ޖޭމްސް (ދެ ގޯލު) އާއި ޖޯޖީނިއޯއެވެ.

ލިވަޕޫލާއި ބްރްއިޓޮން ބައްދަލު ކުރި މެޗުގެ ތެރެއިން -

މީގެ އިތުރުން މިރޭ ކުޅުނު މެޗުގައި ލިވަޕޫލުން ދެ ގޯލު ޖަހާފައިވަނިކޮށް ބްރައިޓޮންއިން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައިފައެވެ. އެ މެޗުން ލިބުނު ޕޮއިންޓާ އެކު ލިވަޕޫލް ދެވަނައިގައި އޮތީ 22 ޕޮއިންޓާއެކުއެވެ. ލިވަޕޫލަށް މިރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ޖޯޑަަން ހެންޑެސަންއާއި ސާޑިއޯ މާނޭއެވެ.