ރޯމު (31 އޮކްޓޯބަރު) : ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ 20 ގައުމު "ޖީ 20" ގެ އިސްވެރިންގެ ސަމިޓް ބައްދަލުވުން އިޓަލީގެ ވެރިރަށް ރޯމުގައި އިއްޔެ ފަށައިފިއެވެ.

ދެ ދުވަހަށް ކުރިޔަށްގެންދާ މިސަމިޓްގައި "ޖީ 20" ގެ ގައުމުތަކުގެ ލީޑަރުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ ކޮވިޑް-19 ގެ ވަބާއާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމާބެހޭގޮތުންނާ އަދި އިގްތިސާދީ ހަރަކާތްތަކުގެ ސަބަބުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާބެހޭ ގޮތުންނެވެ.

ކޮވިޑް-19 ގެ ވަބާއަށް ބަލާއިރު 2022 ވަނަ އަހަރުގެ ޖުލައިމަހުގެ ކުރިން ދުނިޔޭގެ އާބާދީގެ މަދުވެގެން 70 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ދެޑޯޒު ދިނުމަށް "ޖީ 20" ގެ ގައުމުތަކުން މަސައްކަތް ކުރުމަށާއި އެކަމަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ސަމިޓްގައި އެއްބަސްވުމަކަށް އަންނާނެއެވެ. މީގެއިތުރުން މުސްތަޤްބަލުގައި ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވެދާނެ ކޮވިޑް ފަދަ ވަބާއަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ޓާސްކް ފޯހެއް އެކުލަވާލުމާބެހޭގޮތުންވެސް "ޖީ 20" ލީޑަރުން މަޝްވަރާ ކުރައްވާނެއެވެ.

މި ފަދަ ޓާސްކް ފޯސް އަކާބެހޭ ޕްލޭންތައް "ޖީ 20" ގެ ބައެއް ގައުމުތަކުން މިހާރުވެސްވަނީ އެކުލަވާވެސް ލާފައެވެ. މިޕްލޭންތަކުގެ ތެރެއިން ވަކި ޕްލޭނެއް މި ސަމިޓްގައި ފައިނަލް ނުކުރިނަމަވެސް މި ޕްލޭންތައް "ޖީ 20" ލީޑަރުން ދިރާސާ ކުރައްވައި އެއަށް ކޮމެންޓް ކުރައްވާނެކަމަށް ވަނީ ބެލެވިފައެވެ.

މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ބަލާއިރު ސަމިޓްގެ ބައިވެރިންގެ އަމާޒަކަށްވާނީ ސިނާއީ މަސައްކަތްތަކުގެ ސަބަބުން ދުނިޔެގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ބާރުއެޅުމެވެ. އަދި ޖައްވަށް ފޮނުވާ ކާބަން ގޭސްތަކުގެ ސަބަބުން މައްޗަށްދާނެކަމަށް ބެލެވޭ ދުނިޔޭގެ ހޫނުމިން މިގަރުނުގެ ތެރޭގައި 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ދުނިޔޭގެ ގައުމުތަކުން ވެފައިވާ ވައުދުތައް ފުއްދުމަށް ބާރުއަޅައި ސަމިޓުން ބަޔާނެއް ނެރޭނެކަމަށްވަނީ ބެލެވިފައެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ މައްސަލައަކީ އަމަލަށްވުރެ ވާހަކައާއި ލަނޑުދަނޑިތައް ގިނަ މައްސަލައަކަށްވެފައި އެލަނޑުދަނޑިތަކަކީ ހާސިލްކުރުން ގާތްގަނޑަކަށް މުސްތަހީލް ލަނޑުދަނޑިތަކަކަށްވާތީ މިކަމުގައި "ޖީ 20" ގެ ސަމިޓުން އިތުރު ނިންމުމެއް ނިންމާނެކަމަކަށް ނުބެލެވެއެވެ.

"ޖީ 20" ގެ މި ސަމިޓަކީ ކޮވިޑް ގެ ވަބާއާ ގުޅިގެން އަމަލީގޮތުން ސަމިޓެއް ނުބޭއްވި އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިއުމަށްފަހު މި ޖަމާއަތުގެ ލީޑަރުން އެއްތަނަކުން ބައްދަލުކުރައްވައިގެން ބާއްވާ ސަމިޓެވެ.

"ޖީ 20" ގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ ބޮޑު ފަސްބާރުގެ އިތުރުން ޖަޕާން، ޖަރުމަނު، ބްރަޒީލް، އިންޑިއާ، ދެކުނު ކޮރެއާ، އިޓަލީ، ތުރުކީ، އިންޑޮނީޝިއާ، ސައޫދީ އަރަބިއާ، ދެކުނު އެފްރިކާ، އާޖެންޓީނާ ، އޮސްޓްރޭލިއާ އަދި މެކްސިކޯ ފަދަ ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ 20 ގައުމެވެ.