01 Nov 2021, 19:30
ދަރިވަރުން ސުކޫލުގައި ހޭދަކުރާ ހުރިހާ ވަގުތެއްގައި އެ ކުދިންނަށް ޒިންމާވާނެ ޓީޗަރަކު ހަވާލުވެހުރިކަން ކަށަވަރުކުރުމަށް ޕްރިންސިޕަލުންނަށް އަންގައިފިއެވެ.
މި އެންގުން އަންގައިފައިވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ސޮއިކުރައްވައި ހުރިހާ ސުކޫލުތަކަށް ފޮނުއްވި ސާކިއުލާއެއްގައެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ ބޭބީ ނާސަރީއާއި ނާސަރީ އަދި ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުން ސުކޫލުގައި ހޭދަކުރާ ހުރިހާ ވަގުތެއްގައި ޒިންމާވާނެ ޓީޗަރަކު އެކުދިންނާ ހަވާލުވެ ހުރިކަން ސުކޫލްތަކުގެ ޕްރިންސިޕަލުން ކަށަވަރު ކުރަން ވާނެ ކަމަށެވެ.
މީގެ އިތުރުން، އެ ސްޓޭޖުގެ ދަރިވަރުން ފާޚާނާއަށް ފޮނުވާ ވަގުތާއި އެހެނިހެން ހަރަކާތްތަކުގައި ދަރިވަރު ކުލާސް ޓީޗަރު ނޫން އެހެން ފަރާތަކާ ހަވާލުކުރެވޭނަމަ އެއީ ކޮން ފަރާތެއްކަން ޓީޗަރަށް ރަނގަޅަށް ކަށަވަރުކުރެވެން ވާނެ ކަމަށް ވެސް އެ ސާކިއުލާގައި ވެއެވެ.
މިނިސްޓްރީން ސުކޫލުތަކަށް މި ސާކިއުލާ ފޮނުވައިފައި މިވަނީ ގަލޮޅު ސްކޫލްގައި ކިޔަވާ ކުޑަ އަންހެން ކުއްޖަކަށް އެ ސުކޫލުގެ މަސައްކަތު މީހަކު ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށްނެވެެ.
އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާއިރު އެ ސުކޫލުގެ ހުރިހާ މަސައްކަތު މީހުން ވަނީ ސަސްޕެންޑު ކޮށްފައެވެ.
މި މައްސަލައިގައި ގަލޮޅު ސްކޫލުގެ ހުރިހާ މަސައްކަތު އަންހެނުން ސަސްޕެންޑު ކުރީ، އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރީ ސީދާ އެތަނުން ކާކު ކަން ނޭނގޭތީއެވެ.
މީގެ އިތުރުން ސްކޫލުގެ 18 ތަނެއްގައި ސީސީޓީވީ ކެމެރާ ވަނީ ހަރުކޮށްފައެެވެ.