03 Nov 2021, 16:22
ނަސްރުގެ ދުވަހަކީ މާޒީން އިބުރަތް ހާސިލު ކޮށްގެން، އަމިއްލަ ގައުމަށް ތެދުވެރިވުމަށް އަޒުމު ކަނޑައަޅަންވީ ދުވަސް ކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޕީގެ ރައީސް، އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ ނަސްރުގެ ދުވަހު އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ފިލާވަޅުތަކެއް ލިއްބައިދޭ ކަމަށެވެ.
އެގޮތުން ފުރަތަމަ ފިލާވަޅެއްގެ ގޮތުގައި ވިދާޅުވީ ދިވެހިންނަކީ ގައުމު ދިފާއު ކުރުމުގައި ލާމަސީލު ބައެއްކަމެވެ. އަދި ވިދާޅުވީ ވަކިން ހާއްސަކޮށް މިކަން އެނގެނީ ޝަހީދު ހުސެއިން އާދަމް އާއި އެނޫންވެސް އެތައް ސިފައިންނެއް އެ ދުވަހު ދެއްކި ހިތްވަރު ކަމަށާއި އެގޮތުން ފުރާނައަށްވުރެ، އުފަން ގައުމަށް އިސްކަންދިން ގޮތުގެ ސަބަބުން ކަމަށެވެ.
"އެކަމުގެ ނަތީޖާއަކަށްވީ ދުޝްމަނުން މާޔޫސްވެ، އަމިއްލައަށް ފިލައިގެން ފުރައިގެން ދާންޖެހުން. އެހެންވީމަ ގައުމު ދިފާއު ކުރުމުގައި ދިވެހިންގެ ގައުމީ ލޯބި އަބަދު ވެސް އިންތިހާއަށް ބޭނުންވޭ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ނަސްރުގެ ދުވަހުގައި ލިބުނު ދެވަނަ ފިލާވަޅަކީ ދިވެހިންގެ ފަރާތުން ފެނުނު އެއްބައިވަންތަކަން ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީ ނިޒާމު ނެތަސް އޭރުވެސް ދިވެހިންގެ ތެރޭގަ އެކިކަހަލަ ހިޔާލު ތަފާތުވުން ހުންނާނެކަން ކަށަވަރު ކަމަށާއި އޭގެ ތެރޭގައި އަވަށު ވާދަވެރިކަމާއި ރަށު ވާދައާ ދޭދޭ ދެބަސްވުންތައް ވެސް ހިނގާނެ ކަމަށެވެ.
ނަމަވެސް ގައުމަށް ކަމެއް ދިމާވުމުން ހުރިހާ ދިވެހިން އެއްގަލަކަށް އަރައި، އެއްވެސް ޖެހިލުމެއް ނެތި މަގުތަކަށް ނުކުމެ، އަނެކުންނަށް އެހީވުމާއި ދުޝްމަނުން އުޅޭނޫޅޭ ގޮތުގެ މައުލޫމާތު ސިފައިންނަށް ފޯރުކޮށްދޭން ފެށި ކަމަށާއި މިކަމުން އެނގެނީ ގައުމު ދިފާއު ކުރުމުގައި އިޖްތިމާއީ ގުޅުންތެރިކަމުގެ މުހިއްމުކަން ކަމުގައި ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނަސްރުގެ ދުވަހުން ލިބުނު ތިންވަނަ ފިލާވަޅަކީ ގައުމުގެ މަސްލަހަތުގެ ކުރިއަށް އަމިއްލަ މަސްލަހަތު ނުވަތަ އަމިއްލަ އެދުންތައް ނެރެވިއްޖެނަމަ ގައުމަށް ލިބިދާނެ ގެއްލުން ކަމަށާއި އެކަމުން އެ ލިބުނު ފިލާވަޅު މިއަދު ވެސް އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ ކަމަށެވެ.
"އެ ދުވަހު ތަމަޅައިންނަށް ކާމިޔާބު ލިބުނުނަމަ ދެން ކަންކަން ވެގެންދާނީ ކިހިނެއްތޯ. އެއީ އަވަށްޓެރި ގައުމެއްގެ ސަރުކާރަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން އައި ޓެރެރިސްޓް ޖަމާއަތެއް. އެފަދަ ބައެއްގެ އަތްމައްޗަށް ދިވެހި ގައުމު ދިޔަނަމަ އެކަމުގައި ބައިވެރިވި ދިވެހިންނަށް ވަކި މޮޅުގޮތެއް ވީސްތޯ. މާ އުފާވެރި ނަތީޖާއެއް ނުލިބުނީސް،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ދިވެހި ތާރީހް ހެކިދޭ ގޮތުގައި ހޮޅީންގެ އަތްދަށަށް ރާއްޖެ ދިއުމުން އެކަމުގައި ބައިވެރިވި ދިވެހިން ކަނޑުފައްތާ، މަރާލީ ކަމަށާއި އެހެންކަމުން ނަސްރުގެ ދުވަހަކީ އަމިއްލަ ގައުމާމެދު ވިސްނާ، މާޒީން އިބްރަތް ލިބިގަނެ، ގައުމަށް ތެދުވެރިވުމުގެ އަޒުމު ކަނޑައަޅަންވީ ދުވަސް ކަމަށެވެ.
އޭނާ ވިދާޅުވީ ނޮވެމްބަރު ތިން ވަނަ ދުވަހަކީ ދިވެހީންނަށް ވަރަށް މުހިއްމު ފިލާވަޅެއް ލިއްބައިދޭ ދުވަހެއް ކަމަށާއި އޭގެ ތެރެއިން އެންމެ ފިލާވަޅަކީ ދިވެހިންނަކީ ގައުމު ދިފާއު ކުރުމުގައި ލާމަސީލު ބައެއްކަމެވެ.
"ވަކިން ހާއްސަކޮށް މިކަން އެނގެނީ ޝަހީދު ހުސެއިން އާދަމް އާއި އަދި އެނޫން ވެސް އެތައް ސިފައިންނެއް އެ ދުވަހު ދެއްކި ހިތްވަރު. ފުރާނައަށްވުރެ، އުފަން ގައުމަށް އިސްކަންދިން ގޮތުގެ ސަބަބުން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިއަދަކީ ޝަހީދުންގެ މަތިވެރި ގުރުބާނީން އިލްހާމް ލިބިގަންނަންވީ ދުވަސް ކަމަށެވެ. އަދި ވިދާޅުވީ މިއަދަކީ ގައުމަށް ދެރައެއް ލިބިދާނޭފަދަ އެއްވެސް ކަމެއް އެއްވެސް ދިވެއްސަކު ނުކުރުމަށް ނިޔަތްގަނެ އެކަމުގެ އަޒުމު ކަނޑައަޅަންވީ ދުވަސް ކަމަށެވެ.
"ނަސްރުގެ ދުހަކީ އަމިއްލަ ގައުމާމެދު ވިސްނާ، މާޒީން އިބްރަތް ލިބިގަންނަންވީ ދުވަސް. މިއަދަކީ ގައުމަށް ތެދުވެރިވުމުގެ އަޒުމު ކަނޑައަޅަންވީ ދުވަސް. މޯލްޑިވްސް ނެޝަނަލް ޕާޓީން ދިވެހި ކޮންމެ ރައްޔިތަކަށް ކުރާ އިލްތިމާސަކީ މިއީ. އެދުމަކީ މިއީ. އުއްމީދަކީ އަދި އާދޭހަކީ ވެސް މިއީ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ހިތޯބު ނިންމަވާ ލައްވަމުން ވިދާޅުވީ ނަސްރުގެ ދުވަހުގެ ތަހްނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސް ކުރާ ކަމަށެވެ. އަދި އެ ދުވަހުގެ ހަމަލާގައި އަޅުގަނޑުމެންނާ ވަކިވެދިޔަ ފުރާނަތަކަށް ސުވަރުގޭގެ މަތިވެރި ނިއުމަތްތައް މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.