ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ރާއްޖެއިން އިތުރު 149 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލޭ ސަރަހައްދުން އަލަށް ނެގި 1,007 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 20 މީހުންނެވެ.

މުޅި ރާއްޖެއިން 3,117 މީހުންގެ ސާމްޕަލް ނަގާފައިވާއިރު އަތޮޅު ތެރޭގެ ރަށްރަށުން ޕޮޒިޓިވް ވެފައިވަނީ 89 މީހުންނެވެ. އަދި ރިސޯޓުތަކުން މުޅިއެކު 40 މީހުން ޕޮޒިޓިވް ވެފައިވާކަމަށް ވެސް އެޗްޕީއޭގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

މި ބަލީގައި 13 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 88,966 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދާ ހަމަައަށް 86,682 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 2,026އެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 245އަކަށް އަރާފައެވެ.