10 Nov 2021, 16:00
ރާއްޖެ މިހާރު އޮތީ ބޭރު ގައުމުތަކަށް ނާށިގަނޑު ހިފައިގެން ގޮސް، ސަލާން ޖަހާ ހާލަތުގައި ކަމަށް ފެލިދޫ ދާއިރާގެ މެންބަރު އަހުމަދު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ފަޒުލް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ގާތް ގަނޑަކަށް ދިހަ ބިލިއަން ރުފިޔާ ބަޖެޓު ޑިފެސިޓް ނުވަތަ ދަރަނީގެ ގޮތުގައި ވާ ކަމަށެވެ.
ހަމައެހެންމެ ޖީޑީޕީ ނިސްބަތުން ދައުލަތުގެ ދަރަނި ފާއިތުވީ އަހަރުތަކުގައި 70 އިންސައްތައަށް ވުރެ އިތުރުވެފައިވާ ފާހަގަކޮށް ފަޒުލް ވަނީ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މި އަދަދު ރައީސް ޔާމީންގެ ވެރިކަމުގައި ހުންނާނީ މިއަށް ވުރެ މާ ކުޑަކޮށް ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.
ފަޒުލް އިތުރަށް ވިދާޅުވީ މަޖިލީހުން މިފަހުން ވިތްހޯލްޑިން ޓެކްސް ކަނޑާލުމާއެކު ބޭރުގެ ގައުމުުގެތަކުގެ ވިޔަފާރި ރާއްޖޭގައި ފުޅާ ކުރުމަށް ފުރުސަތު ފަހިކޮށްދެވިގެން ދާ ކަމަށެވެ.
ކަންމިހެން އޮންނަނަމަ ކުދި ވިޔަފާރިތަކަށް ފުރުސަތު ލިބޭލެއް މަދު ވާނެ ކަން ފާހަގަކުރައްވައި ފަޒުލް ވިދާޅުވީ ސަރުކަރުން ކުދި އަދި މެދު ފަންތީގެ އެސްއެމްއީތަކަށް ބަޖެޓުގައި ފައިސާ ހިމެނުމުން ސުވާލު އުފެދޭ ކަމަށެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށް ފަޒުލް އިތުރަށް ވިދާޅުވީ އިންފްލޭޝަން ރޭޓު މަތިވެ، ތަކެތީގެ އަގު ބޮޑުވެއްޖެ ކަމަށާއި ޑޮލަރުގެ އަގު ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ.
"އައިއެމްއެފްއިން އަދި އެހެން ބޭންކުތަކުން އަބަދުވެސް، އަބަދުވެސް އެދޭނީ އަޅުގަނޑުމެންގެ އިންފްލޭޓް ރޭޓާ ކުޅެން. އޭރުންތާ އަޅުގަނޑުމެން އަޅުވެތި ވެފައި އޮންނާނީ. ލޯނު ދޭ ފަރާތްތަކުން ބޭނުންވާނީ އެ ގޮތަށް އެ ކަން ކުރަން،" ފަޒުލް ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރަށް ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ ކަމަށް ފަޒުލް ތަކުރާރުކޮށް ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތަށް ހޯދާ އާމްދަނީގެ ގޮތުން ޓެކުހާއި އެހެނިހެން ހިލޭ އެހީތައް ހޯދަން ބަޖެޓުގައި އިންކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ދެން ޖެހޭނީ ލާރި ހޯދަން ދަތުރުކުރަން ކަމަށެވެ. އަދި ދަތުރުކޮށްފައި ފައިސާ ހޯދުން މަސައްކަތް ކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.
" މިއޮށް ރީތި ދިވެހިރާއްޖެ، ދުނިޔެއަށް މަޝްހޫރު ވިޒިޓް މޯލްޑީވްސް، ނާށިގަނޑު ހިފައިގެން ދާންވީ ލާރި ހޯދަން، އެ ހާލަތުގަ ގައުމު މިއޮތީ" ފަޒުލް ވިދާޅުވިއެވެ.
ހަމައެހެންމެ ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ހޯދާ އާމްދަނީއަށް ވެސް ފަޒުލް ވަނީ ފާޑުވިދާޅުވެފައެވެ.