ރާއްޖޭގެ ހޮސްޕިޓަލްތަކަށް ހޭނައްތާ ޑޮކްޓަރުން ހޯދުމަށް ދަތިވާތީ، އެ ޑޮކްޓަރުންގެ މުސާރަ ބޮޑުކޮށްފިއެވެ.

މިހާރު ވެސް ގއ، ގދ، މ އަދި ލ. އަތޮޅުގެ ހޮސްޕިޓަލުތަކުގައި ހޭނައްތާ ޑޮކްޓަރުން ނެތިގެން އޮޕަރޭޝަންތަކަށް ގޮންޖެހުންތަކާ ދިމާވެފައިވެ އެވެ. ބައެއް ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކަށް ހޭނައްތާ ޑޮކްޓަރުން ނުލިބި، އޮޕަރޭޝަންތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން ހޭނައްތާ ޑޮކްޓަރުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ދާއިމީ ކަމެއް ނޫން ކަމަށާއި ދާއިމީ ހައްލަކާ ދިމާއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަތޮޅާއި ރީޖަނަލް ހޮސްޕިޓަލްތަކަށް ހޭނައްތާ 10 ޑޮކްޓަރު މި ވަގުތަށް ބޭނުންވޭ. އޭގެ ތެރެއިން އަށް ޑޮކްޓަރުންނާ އިންޓަވިއު ކުރަމުން މިއަންނަނީ." ހެލްތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކަށް ޑޮކްޓަރުން ނުލިބުމާއި ގުޅިގެން ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ހޮސްޕިޓަލްތަކުން ފާހަގަކޮށްފައިވެއެވެ.

އެގޮތުން އަބްދުއްސަމަދު ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު "ސަން" އަށް ވިދާޅުވީ ހޭނައްތާ ޑޮކްޓަރެއް ނެތުމުގެ ސަބަބުން އޮޕަރޭޝަންތައް ވަނީ މަޑުޖެހިފަކަމަށާއި އެފަދަ ޕޭޝެންޓުން މާލެ ފޮނުވާލަން ޖެހިފައިވާ ކަމަށެވެ.

"މިވަގުތު މިހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރުންނެއް ނެތް. އޮޕަރޭޝަންތައް މިވަނީ ހުއްޓިފައި. ބަލިމީހުން މިޖެހެނީ މާލެ ފޮނުވާލަން،" ސާލިމް ވިދާޅުވިއެވެ.

ހޭނައްތާ ޑޮކްޓަރަކަށް މިހާރު މަހަކު 39،000 އެއްހާ ރުފިޔާ ލިބެއެވެ.

ހުވަދު އަތޮޅުގެ އިތުރުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވެސް ހޭނައްތާ ޑޮކްޓަރުންނެއް ނެތެވެ. އުނގޫފާރު ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދުވާލަކު 500 އަށް ވުރެ ގިނަ މީހުން އެރަށަށް ޒިޔާރާތް ކުރާއިރު ހޭނައްތާ ޑޮކްޓަރެއް ހޯދުން މުހިއްމު ކަމަށް އެ ހޮސްޕިޓަލުން ފާހަގަ ކޮށްފައިވެއެވެ.

ހެލްތު މިނިސްޓްރީއާ ހަވާލާދީ، އެ ދެ ހޮސްޕިޓަލުން ވެސް ފާހަގަކުރި ގޮތުގައި ރާއްޖެއިން ބޭރުން ވެސް އެހެން ބަލިތަކުގެ ޑޮކްޓަރުންނަށް ވުރެ ހޭނައްތާ ޑޮކްޓަރުން ހޯދުމުގައި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާންޖެހިފަ އެވެ.

ހޭނައްތާ ޑޮކްޓަރުންނަށް ދެނީ އެކަށީގެންވާ މުސާރައެއް ނޫން ކަމަށް ގިނަ ޑޮކްޓަރުން ފާހަގަކޮށްފައިވާއިރު އެ ޑޮކްޓަރުން ހޯދަން ދަތިތަކެއް ކުރިމަތިވަނީ މުސާރަ ކުޑަ ކަމުން ކަމަށް ލަފާ ކުރެވެއެވެ. ނަމަވެސް މުސާރަ ބޮޑު ކުރުމާއެކު ހޭނައްތާ ޑޮކްޓަރުންގެ ފަރާތުން އެއްބާރުލުން ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވެއެވެ.