18 Nov 2021, 08:52
ބޮލީވުޑްގެ ފިލްމް ސޫރްޔާވަންޝީގެ ލީޑް ރޯލު ކުޅުމަށް ޝައުގު އުފެދި، ނަމޫނާއަކަށް ބެލީ އިންޑިއާގެ އޮފިސަރެއް ކަމަށްވާ ވިޝްވާސް ނަންގަރޭ ޕަޓިލް ކަމަށް އެ ރޯލުން ފެނިގެންދާ އަކްޝޭ ކުމާރު ބުނެފިއެވެ.
އަދި އޭނާ ބުނެފައިވާ ގޮތުން ޕަޓިލްއަކީ ގާބިލު، އެހާމެ ކުޅަދާނަ އޮފިސަރެކެވެ.
އިންޑިއާގެ މަހާރަޝްތްރާގެ ސިނަމާތައް ކޮވިޑަށް ފަހު ހުޅުވާލުމުން ރިލީސްކުރި މި ފިލްމުގައި އަކްޝޭ ކުމާރު ދެއްކި މޮޅު އެކްޓިންގެ ސަބަބުން ސިނަމާތައް ވަނީ ގުގުމާލައިފައެވެ. އެ ފިލްމުގައި އޭނާ އޮފިސަރެއްގެ ރޯލު ވަރަށް މޮޅަށް އަދާކޮށްފައިވާއިރު އަކްޝޭގެ އެ ރޯލުގެ ސަބަބުން އެތައް ބަޔަކު އޭނާއަށް ތައުރީފުކޮށްފައިވެއެވެ.
އަކްޝޭއަށް އެހާ ފުރިހަމަ އެކްޓިން ދެއްކުނު ސަބަބު ކަމުގައި އޭނާ ބުނެފައިވަނީ މުމްބާއީގެ ކޮމިޝަނާ އޮފް ޕޮލިސް ވިޝްވާސް ނަންގަރޭ ޕަޓިލް ނަމޫނާއަކަށް ބެލުމެވެ. އަދި އަކްޝޭ ބުނެފައިވަނީ ޕަޓިލްއަކީ އޭނާ ކުރިންވެސް ދަންނަ އޮފިސަރެއް ކަމަށާއި ޕަޓިލް ގެންގުޅޭ އުސޫލުތަކާއި ކަންކަމުގައި ގެންގުޅޭ އުކުޅުތައް އަބަދުވެސް ވަރަށް ކަމުދާކަމަށެވެ.
ހަމައެއާއެކު ޕަޓިލްއަކީ ހުރިހާ ގޮތަކުންވެސް އޭނާއަށް އެންމެ ކަމުދާ އޮފިސަރެއް ކަމަށާއި ހާއްސަކޮށް ހިތްތިރިކަމާއި ހިތްހެޔޮކަމަކީ މަތީ މަގާމެއްގެ އޮފިސަރަކަށް ލިބިފައިވާ ވަރަށް ރަނގަޅު ސިފަތަކެއް ކަމަށް އަކްޝޭ ބުންޏެވެ.
މީގެ އިތުރުން އަކްޝޭ ބުނެފައިވަނީ ޕަޓިލް އޭނާގެ ޑިއުޓީގައި ކުށްވެރިންނާއި އެމީހުންގެ އާއިލާތަކަށް އެތައް ކަންތައްތަކެއް ކޮށްދީފައިވާކަމަށާއި ކޮވިޑްގެ ހާލަތު ބޮޑުވެގެންދިޔަ ދުވަސްވަރު ފްރޮންޓްލައިންގައި ހިލޭސާބަހަށް އެތައް ގަޑިއިރަކު އޭނާ މަސައްކަތް ކޮށްދީފައިވާކަމަށެވެ.
އިންޑިއާގެ ޚަބަރުތައް ބުނާގޮތުން 2008 ވަނަ އަހަރު މުމްބާއީއަށް ދިން ޓެރަރިސްޓު ހަމަލާތަކަށް ފަހު ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމާ ހަވާލުވެގެން ހުންނެވީ ޕަޓިލްއެވެ. އަދި ޕަޓިލް ވަނީ ޓެރަރިސްޓުންގެ ކިބައިން ގައުމު ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި 2015 ވަނަ އަހަރު އޭނާއަށް ވަނީ އިންޑިއާގެ ރައީސް ދެއްވާ ފުލުހުންގެ ހާއްސަ މެޑަލެއްވެސް ލިބިފައެވެ.