18 Nov 2021, 12:26
ވޮޝިންޓަން (18 ނޮވެމްބަރު): ސައިބާ ސެކިއުރިޓީގެ ދާއިރާގައި އެންމެ ނުރައްކާތެރި އެއްގައުމަކީ އީރާންކަމަށް އެމެރިކާ ބުނެފިއެވެ.
މިކަމާބެހޭގޮތުން އިންޒާރު ދެމުން އެމެރިކާގެ ހޯމްސެކިއުރިޓީއާބެހޭ ވުޒާރާއިން ބުނީ އީރާނުގެ ސައިބާ ހަމަލާތައް އެމެރިކާގެ ގިނަ އަދަދެއްގެ ކުންފުނިތަކަށާއި އެމެރިކާ ސަރުކާރުގެ ބައެއް މުއައްސަސާތަކަށްވެސް އަމާޒުވަމުންދާކަމަށާ އެމެރިކާގެ ޓްރާންސްޕޯޓާބެހޭ ބައެއް ކުންފުނިތަކާއި ސިއްހަތާބެހޭ ދާއިރާގެ ބައެއް ކުންފުނިތަކަށްވެސް ދާދިފަހުންވަނީ އީރާނުގެ ސައިބާ ހަމަލާތަކެއް އަމާޒުވެފައިވާ ކަމުގައެވެ.
އެމެރިކާގެ ހޯމްސެކިއުރިޓީއާބެހޭ ވުޒާރާ އާއި ސައިބާ ސެކިއުރިޓީއާބެހޭ އެޖެންސީއާ ގުޅިގެން އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އެކުލަވާލި ރިޕޯޓެއް ބުނާގޮތުން އީރާނުގެ ހެކަރުން މައިކްރޯ ސޮފްޓާއި ފޯޓިނެޓް ފަދަ އެމެރިކާގެ ސޮފްޓްވެއާ ކުންފުނިތަކުގެ ސޮފްޓް ވެއާތައް ފޫއަޅުވާލުމަށްފަހު އެމެރިކާގެ އެތަށް ކުންފުނިތަކެއްގެ ނެޓްވާކްތަކަށް ގިނަ ސައިބާ ހަމަލާތަކެއް ދާދިފަހުންވަނީ ދީފައެވެ.
މައިކްރޯ ސޮފްޓް ބުނާގޮތުން އީރާނުގެ ހެކަރުންގެ ތަފާތު 6 ގްރޫޕެއް ރެންސޮމްވެއާ ބޭނުންކޮށްގެން ސައިބާ ހަމަލާތަކުގެ ދާއިރާގައިދަނީ ވަރަށް ހަލުއިކަމާއެކު ހަރަކާތްތެރިވަމުންނެވެ. "އެފްބީއައި" ބުނާގޮތުން މި ގުރޫޕްތަކުގެ ހަރަކާތްތައް ފެށިގެން ގޮސްފައިވަނީ 2020 ވަނައަހަރުން ފެށިގެންނެވެ. އެއަށްފަހު އެކަން ވަރަށް ބޮޑަށް ފުޅާކޮށްފައިވާކަން "އެފްބީއައި" ގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
އީރާނުގެ ހެކަރުންގެ ހަމަލާތައް އަމާޒުވާކަމަށް ބުނެ އެމެރިކާގެ ބައިވެރިޔާ ކަމަށްވާ އިސްރާއީލުވެސް ދާދިފަހުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އެމެރިކާއާއި އިސްރާއީލުގެ ވާހަކަތަކުގައި އެދެގައުމުން އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަށާއި އީރާނުގެ ކުންފުނިތަކަށް ދޭކަމަށް ތުހުމަތު ކުރެވޭ ސައިބާ ހަމަލާތަކާބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.
އީރާން ބުނާގޮތުން އެގައުމުގެ ޕެޓްރޯލް ޝެޑްތައް ހިންގާ ކުންފުނިތަކަކަށްވެސް ދާދިފަހުންވަނީ އިސްރާއީލުގެ ސައިބާ ހަމަލާތަކެއް އަމާޒުވެފައެވެ. މިކަމުގެ ސަބަބުން އީރާނުގެ އެތަށް ސަރަހައްދެއްގެ ޕެޓްރޯލް ޝެޑްތަކުގެ މަސައްކަތް ހުއްޓި ޕެޓްރޯލާއި ޑީސަލް އެޅުމުގައި ބޮޑެތި ދަތިތަކެއް އީރާނުގެ ރައްޔިތުންނަށް ކުރިމަތިވެގެން ދިޔަކަން އެގައުމުންވަނީ ހާމަކޮށްފައެވެ.
އަނެއްކޮޅުން އީރާނުގެ ނަތަންޒް ނިއުކްލިޔާ ރިއެކްޓަރުގައި ބޭނުންކުރާ ގިނަ އަދަދެއްގެ ސެންޓްރިފިއުޖް މެޝިންތައްވެސް އިސްރާއީލާއި އެމެރިކާގެ ސައިބާ ހަމަލާތަކުގެ ސަބަބުން ހަލާކުވެގެން ދިޔަކަމަށް އީރާނުގެ މީޑިއާ ބުނެފައިވެއެވެ.