ރޭ ރަހީނުކޮށް އަނިޔާކުރުމުގެ ސަބަބުން އައިޖީއެމްއެޗުގައި ފަރުވާ ދިން ސިފައިންގެ މީހާ މިއަދު ގެއަށް ދޫކޮށްލައިފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން އެކަން ހާމަކުރީ، ސްޓާފް ސާޖަންޓް ހަސަން ފަހީމަށް ރޭ ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

އެމްއެންޑީއެފްގެ ބަޔާނުގައި ވަނީ އެ ހަމަލާއާ ގުޅިގެން، އެމްއެންޑީއެފްގެ ލީޑާޝިޕުން ފަހީމްގެ ހާލު ރަނގަޅަށް ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް އޭނާގެ ހާލު ބައްލަވައިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ސަރުކާރުގެ ފަރާތުން ވެވެން އޮތް އެހީތެރިކަމެއް އޭނާއަށް ދޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަަށް ވެސް އެބަޔާނުގައިވެއެވެ.

އެއާއެކު އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނީ އެ އަމަލު ހިންގި މީހުން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން މިހާރު ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރަން ޖާގަ ދެވިގެން ނުވާނެކަަމަށް ބުންޏެވެ.

"އަދި ސިފައިންނަށް ދޭ މި ފަދަ ފިނޑި ހަމަލާތަކުގެ ސަބަބުން ގައުމީ ހިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެ ވާހަކަ ވެސް ދަންނަވަން،" އެ ބަޔާނުގައި ބުންޏެވެ.

މާފިލާފުށީގައި ހުރުމަށްފަހު އިއްޔެ މާލެ އައި ހަސަން ފަހީމް ރަހީނުކޮށް އަނިޔާކޮށްފައިވަނީ ރޭ ދަންވަރެވެ. އޭނާއަށް ހަމަލާދިނީ ހަތަރު މީހުންގެ ގުރޫޕަކުން ކަމަށާއި އައިޖީއެމްއެޗުގެ އެމާޖެންސީގައި އޭނާއަށް ފަރުވާ ދިން ކަމަށް އޭނާ އާއިލާގެ މެމްބަރަކު ވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ, އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު 9:55 ހާއިރު ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.