ދައުލަތުގެ ދަރަނި ކުޑަކުރަން ބޭނުން ވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ޖާބިރު ވަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ރަށްރަށަށް ކަނޑައަޅައިފައިވާ ބަޖެޓުގެ ކުޑަކަން އޭނާ ފާހަގަކުރައްވައިފައިވެއެވެ.

ހަމައެހެންމެ ޖާބިރު ވިދާޅުވީ ބަޖެޓަށް ވޯޓު ދޭނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދަރަނި ދައްކައިދޭނެ ގާބިލްކަން ހުރެގެން ކަމަށެވެ.

އެހެންނަމަވެސް ދައުލަތް ވަރަށް ބޮޑަށް ދަރައިފައިވާ ކަން ފާހަގަކުރައްވާ، ޖާބިރު ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެނެސް، ބޮޑު ވަޒީރުކަމަށް ޖާބިރު އައުމަށްފަހު، ރައްޔިތުންނަށް ފައިދާވާނެހެން ގިނަ ކަންކަން ކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްރައިމް މިނިސްޓަރު ކަމުގައި އަޅުގަނޑު އަންނާނީ ބަރުލަމާނީ ނިޒާމެއްގައި ބަރާބަރަށް ދިިވެހި ރައްޔިތުންނަށް ސީދާ 100 ތައުސަންޑް ޑޮލަރުގެ ކްރެޑިޓް ކާޑު ރޯލް ކުރާނަމޭ، ވާނޭ ކަންތައްތައް،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގައި ރިޔާސީ ނިޒާމު ފެއިލްވެފައިވާ ކަމަށެވެ. ރާއްޖެތެރޭ ރަށްރަށަށް ކުރި ދަތުރުގައި އެކަން ހާމަވި ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ރިޔާސީ ނިޒާމު އަވަހާރަވެއްޖެ، ބަރުލަމާނީ ނިޒާމު އޮޕަރޭޝަނަށް އަތުވެއްޖެ، ދެން ނައިސް އެއް ނުވާނެ، އެއީ މިތަން ނުހިންގުނީމާ މިހެން މިވީ،" ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވަނީ އިދިކޮޅުން އިންޑިއާއާ ދެކޮޅަށް ކުރަމުން އަންނަ ކެމްޕެއިނަށް ތާއީދުކުރައްވާ، މަޖިލީހުގައި "އިންޑިއާ އައުޓް"އަށް ގޮވައިލައިފައެވެ.

ޖާބިރު ވިދާޅުވީ ދިވެހިންގެ ސްޓޮކްގައި ހުރި ލާރިއަކީ ކަނޑުގައިވާ ހަޒާނާ ކަމަށެވެ. އަދި އޭގެން މަންފާ ހޯދޭނެ ކަމަށް ވިދާޅުވިއެވެ.

"ރިސޯޓުތަކާ އެއްޗެހި ޑިވޮލޮޕް ކުރާށެ، އަޅުގަނޑުމެންގެ ބިންތައް ވިއްކޭ ގޮތް ހަދާށޭ، އަޅުގަނޑުމެން ނުޖެހެޔޭ އިންޑިއާއަށް ދަރައިގަނެގެން މި ގައުމުގެ އަސްކަރިއްޔާ ކޮމްޕްރޮމައިޒް ކުރާކަށް، ނުޖެހޭނެއޭ، ދޭން ޖެހޭނީ އެގްރީމެންޓް،" އިންޑިއާއާއެކު ރާއްޖެއިން ހަދައިފައިވާ އެގްރީމެންޓުތައް ހާމަކުރުމަށް ގޮވާލާ ޖާބިރު ވިދާޅުވިއެވެ.

އެގްރީމެންޓު ހާމަ ނުކުރާނަމަ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި މަޖިލީހުގެ ކޮމިޓީތަކުގެ މީހުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.