އިޖްތިމާއީ ރޫހުގައި ކުރެވޭ މަސައްކަތްތަކަކީ އިޖްތިމާއީ ފޭރާން ވަރުގަދަކޮށްދޭ ކަންތައްތަކެވެ. އަދި މުޖުތަމައުގެ ކުދި ބޮޑު ފަރުދުންނަށް އެ ކަމުގެ ފައިދާއާއި ފަސޭހަ ވެސް ކުރާނެ ކަންކަމެވެ. ދ. ރިނބުދޫގައި ތަރައްގީކޮށްފައިވާ "ހިތްފަސޭހަ ހިޔާ"އަކީ ވެސް އެ ފަދަ މަސައްކަތެކެވެ.

ސްކޫލް ދަރިވަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ރިނބުދޫ ކައުންސިލުން ތަރައްގީކުރި މައިޒާނަކީ ފާހަގަކޮށްލެވޭ މައިޒާނެކެވެ. ކައުންސިލްގެ ރައީސް އަހްމަދު އިގްްބާލް ބުނާ ގޮތުގައި މިއީ އެ ކައުންސިލުން ކުރިއަށް ގެންދިޔަ އެންމެ މުހިންމު އެއް މަސައްކަތެވެ.

"މިހާރު އެއީ ކައުންސިލުން ފުރަތަމަ އައިސްފައި ހިންގި އެންމެ ފުރަތަމަ މަސައްކަތް. އަޅުގަނޑުމެން އެ މަސައްކަތް ފެށީ އެއީ ސްކޫލް ކައިރިއަށްދާ ކުދިން މި ތިބެން ޖެހެނީ އަވީގައިކަމަށް ވާތީ. ބެލެނިވެރިން ވެސް. ދެން އެހެންވީމާ އެކަމަށް ހައްލު ހޯދައިދިނުމިގެ ގޮތުން ފެށި މަސައްކަތެއް އެއީ،" ރިނބުދޫ ކައުންސިލްގެ ރައީސް އަހްމަދު އިގްްބާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މަސައްކަތަކީ ހަތަރު މަސް ދުވަހުގެ މަސައްކަތްކަމަށެވެ. ނަމަވެސް ކައުންސިލުގެ އަމާޒަކަށްވީ އެއަށްވުރެެ އަވަސް މުއްދަތެއްގައި މަސައްކަތް ނިންމުންކަމަށް ވިދާޅުވިއެވެ. ނަމަވެސް މަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ ސަރަހައްދު ތަރައްގީކުރަން އޮތް ސަރަހައްދުގައި ހުރި ތާންގިތައް ނަގައި އެހެން ތަނަކަށް ބަދަލުކުރަން ޖެހުމަކީ ކުރަން ޖެހުނު މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

ހިތްފަސޭހަ ހިޔާ ހުރިތަން ކުރިން އޮތް ގޮތް --

ކައުންސިލުން އެންމެ ޝުކުރުވެރިކަމާއެކު ފާހަގަކުރަނީ މި މަސަައްކަތް ކާމިޔާބު ކަމާއެކު ނިންމައިލުމަށް ޓަކައި ރަށުގެ ރައްޔިތުން ކުރި މަސައްކަތެވެ. އެގޮތުން ރަށުގެ ރައްޔިތުން އިސްނަގައިގެން ކުރި މަސައްކަތުގެ ސަބަބުން ރަށުގެ އިޖްތިމާއީ ރޫހު ވެސް ދިރިގެން ދިޔަކަމަށް ފާހަގަކޮށްފައިވެއެވެ.

"ރަށުގެ ރައްޔިތުންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އިސް ނެންގެވުމުގެ މަތިން އަޅުގަނޑުމެން މި މަސައްކަތް ކުރީ. މިއީ ވަރަށް ފުރިހަމަ މަސައްކަތެއް. އަޅުގަނޑުމެންގެ ޝުކުރު ހިތުގެ އެންމެ ފުންމިނުން ރައްދުކުރަން މި މަސައްކަތުގައި އުޅުނު އެންމެހާ ފަރާތްތަކަށް. އެންމެ ކުޑަމިނުން އެކި ވަގުތުތަކުގެ ސައި ވެސް ގެނެސްދެނީ ހެޔޮ އެދޭ ރަށުގެ ރައްޔިތުން ހަމަ،" އިގްބާލް ވިދާޅުވިއެވެ.

ހިތްފަސޭހަ ހިޔާގެ މަސައްކަތް ނިމި މިއަދު އެތަން ބޭނުންކުރަން ފަށާފައިވާއިރު މިތަނުގެ ފަސޭހަ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނަށް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ކުރިން އަވީގައި ތިބެންޖެހުނު ތިބުމަށް ނިމުމެއް އައިސްފައިވާކަމަށް އެ މީހުން ފާހަގަކުރެއެވެ.

"ކައުންސިލްގެ ވަރަށް ރަނގަަޅު މަސައްކަތެއް މިއީ. އަޅުގަނޑުމެންނަަށް ގިނަ ފަސޭހަތަކެއް ލިބިއްޖެ. އުންމީދަކީ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ފައިދާހުުރި މިފަދަ ގިނަ މަސައްކަތްތަކެއް ކުރުން،" ބެލެނިވެރިއަކު "ސަން"އަށް ބުންޏެވެ.

ކައުންސިލުން ބުނީ އެ ކައުންސިލްގެ އަމާޒަކީ ރަށުގެ ތަރައްގީއަށް މަސައްކަތްކޮށްދިނުންކަމަށެވެ. އަދި މިއީ އޭގެ ތެރެއިން ރައްޔިތުންނަށް ދިން ހަދިޔާއެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ފަދަ ގިނަ ކަންތައްތަކެއް ކުރާނެކަމަށެވެ.

ކައުންސިލްގެ މި މަސައްކަތާއެކު ދަރިވަރުންނާއި ބެލެނިވެރިން ސުކޫލުދޮށަށް ގޮސް ހޫނު އަވީގައި ތިބޭކަށް ނުޖެހޭނެއެވެ. ހޫނު އަވިން ފިނި ހިޔަލަކަށެވެ.