ކާރު ޕާކު ކުރުމަށް ހުރި ޖާގަތަކަކީ ކޮބައިކަން ރިއަލް ޓައިމްކޮށް ފެންނާނެ އަދި އޮންލައިންކޮށް އެ ޖާގަ ބުކް ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ޑްރައިވަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޕާކު ކުރުމަށް ހުރީ ކޮން ޖާގައެއްކަން ބަލާލެވޭނެހެން އޮންލައިން އެޕްލިކޭޝަނެއް މެދުވެރިކޮށް ޕާކިން ސްލޮޓް ބުކް ކުރެވޭނެ ނިޒާމެއް ގާއިމް ކުރާނެކަމަށެވެ.

"ޕާކު ކުރުމަށް ޖާގަތައް ކުއްޔަށް ދިނުމަށް އަޅުގަނޑުމެންގެ ޕޯޓަލްގައި ރިއަލް ޓައިމްކޮށް ފެންނާނެހެން ކޮން މަގެއްގަ ކޮން ހިސާބެއްގަ ޖާގަތައް ހުރިކަން އެނގޭގޮތަށް އޮންލައިންކޮށް އެ ސްލޮޓް ބުކް ކުރެވޭގޮތަށް ފޯމު ލައިގެން ލާރި ދައްކައިގެން އެ ސްލޮޓް ކުއްޔަށް ނޫނީ ގަނެވޭނެ ގޮތަށް އެ ނިޒާމު ގާއިމުކުރުމަށް ނިންމާ ކައުންސިލުން ވަނީ ފާސްކޮށްފަ،" މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މާލޭގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕާކު ކުރުމަށް ޖާގަ ނެތުން ކަމަށްވާއިރު، ސިޓީ ކައުންސިލުން ވަނީ ކާނިވާ ސަރަހައްދުގައި ޕާކު ކުރެވޭނެ ތަނެއް ގާއިމްކޮށްފައި ކަމަށެވެ. އެގޮތުން އެތަނުގައި އެކަނި 700 އަށް ވުރެ ގިނަ ސައިކަލާއި 100 އަށް ވުރެ ގިނަ ކާރު ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ ޕާކިން ސްލޮޓްތަކުން ޖާގަދިނުމުގައި ޓެކްސީތަކަށް އިސްކަންދޭނެ ކަމަށެވެ. އެގޮތުން މާލޭގެ ގިނަ ޕާކިން ޒޯނުތަކުގެ ދެބައި ކުޅަ އެއްބައި ޓެކްސީތައް ޕާކު ކުރެވޭނެ ގޮތަށް ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ.

"އެއާލައިނެއްގައި މަތިންދާބޯޓެއްގެ ސީޓް ބުކް ކުރުމަށް ހަމަޖެހިފައިވާ ނިޒާމާ އެއްގޮތަށް މަގުމަތީގައި ޕާކިން ސްލޮޓް ބުކްކޮށްގެން އޮންލައިންކޮށް ކުއްޔަށް ނުވަތަ ގަނެވޭނެ ގޮތަށް ހަމަޖެހިގެން ދިއުމާއެކު ދެފުށް ފެންނަ ގޮތަކަށް މާލޭގެ އޮތް ކުޑަ ޖާގައިގެ ބޭނުން ހިފޭނެ،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ލޭންޑް ޔޫސް ޕްލޭން ގެ ދަށުން މަލްޓި ޔޫސް ޕާކިން ބިލްޑިންތައް ގާއިމްކުރާނެ ކަމަށާއި ރައްޔިތުންގެ އެއްބާރުލުމާއެކު މާލޭ ސިޓީއަށް ތަރައްގީ ގެނައުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަކަަމަށްވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީންނާއި ގުޅީ ފަޅުގެ ޕްލޭން ބަދަލުކޮށްގެން މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

"މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދެގޮރުގެ މައްސަލަ. މިކަން ހައްލުކުރުމަށް ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންގެ ލާބަޔާއި މަންފާއަށް ޓަކައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" މުއިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ ބޭއްވި ހަފްލާގައި ފާއިތުވި އަހަރުތަކުގައި ސިޓީ ކައުންސިލަށް އެކި ގޮތްގޮތުން ހިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ވަނީ ދީފައެވެ. މި ހަފްލާގައި ކުރިއަށް އޮތްތަނުގައި ސިޓީ ކައުންސިލުން ކުރިއަށް ހިންގުމަށް ރާވާފައިވާ މަޝްރުއުތައް އިއުލާންކޮށްފައިވެއެވެ.