27 Nov 2021, 12:12
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އއ. ތޮއްޑޫގެ ބަނދަރު ސަރަހައްދުގައި ފޮތް ކިއުމަށް ހާއްސަކޮށް ރީޑިންގ ޕާކެއް ގާއިމްކޮށްފިއެވެ.
ބީއެމްއެލްގެ އެހީގައި ހެދި މި ރީޑިންގ ޕާކުގެ މަސައްކަތް ރާވައި ހިންގާފައިވަނީ ތޮއްޑޫ ސްކޫލްގެ ލީޑިން ޓީޗަރު އާދަމް އަފްސަލްއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އއ. ތޮއްޑޫގެ ބަނދަރު ސަރަހައްދުގައި ފޮތް ކިއުމަށް ހާއްސަކޮށް ރީޑިންގ ޕާކެއް-- ފޮޓޯ ބީއެމްއެލް
މި ޕްރޮޖެކްޓް ގެ މަގްސަދަކީ ފޮތް ކިޔުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކޮށް އާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެެވެ. މި ރީޑިންގ ޕާކުގައި ދަރިވަރުންނަށް ހާއްސަކޮށްފައިވާ މިނީ ލައިބްރަރީ އެއްވެސް ހިމެނެއެވެ. މިތަނަށް ޒިޔާރަތް ކުރާ ބެލެނިވެރިންނަށް ހާއްސަކޮށް ޖޯއްޔާއި އުނދޯލި ވަނީ ބަހައްޓާފައެވެ.
މާ ބަގީޗާއެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ މި ރީޑިންގ ޕާކުގައި ތުއްތު ކުދިންގެ މޮޓޯ ސްކިލްސް ތަރައްގީ ކުރުމަށް ޗެސް، ޑޮމިނޯ ފަދަ ސިކުނޑި ތަރައްގީކޮށްދޭ ކުޅިވަރުތައް ކުޅުމުގެ ފުރުސަތުވެސް ވަނީ މަގުފަހިކޮށްދީފައެވެ. ކުދިންގެ މައުލޫމާތު މުއްސަނދި ކުރުމަށް ދިވެހި ވެށީގައިވާ ތަފާތު ތަކެއްޗާއި ގަސްތަކުގެ ނަންތައް ކުދިންނަށް ދަސްކޮށްދިނުމަށްޓަކައި ބޯޑުތައް ވަނީ ހަރުކޮށްފައެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އއ. ތޮއްޑޫގެ ބަނދަރު ސަރަހައްދުގައި ފޮތް ކިއުމަށް ހާއްސަކޮށް ރީޑިންގ ޕާކެއް-- ފޮޓޯ ބީއެމްއެލް
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އާދަމް އަފްސަލް ވިދާޅުވީ އެތަން ހެދުމަށް ނިންމީ ސްކޫލް ލައިބްރަރީ ފިޔަވައި ކުދިން ފޮތް ކިޔާނެ ވަކި ހާއްސަ ތަނެއް އެރަށުގައި ނެތުމުގެ ސަބަބުން ކަމަށެވެ.
"މި ރީޑިންގ ޕާކުގެ ސަބަބުން ދަރިވަރުންނަށް ރައްޓެހިކުދިންނާއި އަދި އާއިލާ އާއި އެކުގައި އައިސް ފިލާވަޅުތައް މުތާލިއާކުރުމުގެ ފުރުސަތު ލިބިގެންދާނެ. މިރަށަށް ނުހަނު ބޭނުންތެރި މި ޕްރޮޖެކްޓް ހަގީގަތަކަށް ހެދުމަށްޓަކައި ބީއެމްއެލް އިން ވެދެއްވި މާލީ އެހީތެރިކަމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން." އޭނާ ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރަކީ މެދުކެނޑުމެއްނެތި ކޮމިއުނިޓީ ފަންޑު ހިންގާތާ ތިންވަނަ އަހަރެވެ. އަދި މިހާތަނަށް މިފަންޑުގެ ދަށުން 55 ޕްރޮޖެކްޓަކަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.