ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މަނީ ލޯންޑަރިން މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކޮށް, އެ މަނިކުފާނު މިނިވަންކުރުމަށް ކުރި ހުކުމާއެކު މައްސަލަ ނިންމުމަށްފަހު ސުޕްރީމް ކޯޓު މާދަމާއިން ފެށިގެން ރިސެސްއަށް ދިޔުމަށް ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން ބުނީ މާދަމާއިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހާ ހަަމައަށް އެ ކޯޓު އޮންނާނީ ރިސެސްގައިކަމަށެވެ. އަދި ރިސެސްގެ މުއްދަތުގައި އެއްވެސް އަޑުއެހުމެއް ކޯޓުގައި ކުރިއަށް ނުދާނެކަމަށް އެ ކޯޓުން ބުންޏެވެ. ނަމަވެސް ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް ބަޔާންކޮށްފައިވާ ހާލަތެއް އައިސްފިނަމަ އެ މަސައްކަތެއް ކުރާނެކަމަށެވެ.

ރިސެސްގެ މުއްދަތުގައި އަޑު އެހުންތައް ނުބޭއްވި ނަމަވެސް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމަށް އެ ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓު މިއަދު ރިސެސްއަށް ގޮސްފައިވާއިރު، ރައީސް ޔާމީންގެ މަނީ ލޯންޑަރިން ހުކުމުގެ އިސްތިއުނާފް މައްސަލަ ބަލައި އެ މައްސަލައިގެ ހުކުމް މިއަދު އެ ކޯޓުން ވަނީ އިއްވައިފައެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކުރަން ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. އޭނާގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ވަނީ ތާއިދު ކުރައްވާފައެވެ. އެއީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.