08 Dec 2021, 14:23
އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް (ސީޑީއެސް) ބިޕިން ރާވަތުއާއި އިތުރު 13 މީހަކު ތިބި ހެލިކަޕްޓަރެއް ވެއްޓިއްޖެ ކަމަށް އެގައުމުގެ އެއާ ފޯސްއިން ބުނެފިއެވެ.
އިންޑިއާގެ އެއާ ފޯސްއިން ކުރި ޓުވީޓެއްގައިވާ ގޮތުން ރާވަތު ދަތުރުކުރައްވަމުން ގެންދެވި އަސްކަރީ ހެލިކަޕްޓަރު ވެއްޓުނީ ޓަމިލް ނާޑޫގެ ކުންނޫރަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.
ނަމަވެސް އެ ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް އެއާ ފޯސްއިން އަދި ނުދެއެވެ.
އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ބިޕިން ރާވަތު -- ފޮޓޯ: އިންޑިއާޓުޑޭ
އިންޑިއާގެ އެންޑީޓީވީން ރިޕޯޓުކުރި ގޮތުގައި ހެލިކަޕްޓަރު ވެއްޓުނީ ޓަމިލް ނާޑޫގެ ކޮއިމްބަތޫރުގައި ހުންނަ ސުލޫރު އަސްކަރީ މަރުކަޒުން ނައްޓާލި ފަހުން ކުޑައިރުކޮޅެއްގެ ތެރޭގައެވެ. އަދި އޭރު ހެލިކަޕްޓަރު ދަތުރުކުރަމުން ދިޔައީ ހަމަ އެ ސްޓޭޓުގެ ނިލްގްރިސް ޑިސްޓުރިކްޓުގައި ހުންނަ ޑިފެންސް ސްޓާފް ސާވިސެސް ކޮލެކަޖަށެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ރަސްމީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކުރި ގޮތުގައި އެ ހާދިސާގައި މަރުވި ހަތަރު މީހެއްގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ. އަދި އަނިޔާވި ތިން މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
އަނިޔާވެގެން މިހާރު ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ރާވަތު ވެސް ހިމެނޭ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.
ރާވަތު އަކީ އިންޑިއާގެ އަސްކަރިއްޔާގެ އެންމެ އިސް އޮފިޝަލުގެ އިތުރުން އެގައުމުގެ ޑިފެންސް މިނިސްޓްރީގެ މުޝީރެކެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ ޑިސެމްބަރު 24ގައި އިންޑިއާގެ ސަރުކާރުން އުފެއްދި މަގާމެއް ކަމަށްވާ ޗީފް އޮފް ޑިފެންސް ސްޓާފްގެ މަގާމާ ރާވަތު ހަވާލުވީ އެ މަހުގެ 31ގައެވެ.
އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ޒިންމާތަކުގެ ތެރޭގައި އަސްކަރިއްޔާއާ ގުޅުން ހުރި ކަންތައްތަކުގައި ސަރުކާރަށް ލަފާ ދިނުމާއި އިންޑިއާގެ އަސްކަރިއްޔާ އާއި އެއާ ފޯސް އާއި ނޭވީން ގުޅިގެން ކުރާ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށްގެންދާކަން ކަށަވަރު ކުރެއްވުން ހިމެނެ އެވެ.