ބާލިން (ޑިސެމްބަރު 9) : ޖަރުމަނުގެ ޗާންސެލަރު ކަމުގެ ހުވާ އޯލާފް ޝޯލްޒް ކުރައްވައިފިއެވެ.

ޝޯލްޒް އަކީ ޖަރުމަނުގެ ވާތުފިޔައިގެ މެދުމިނުގެ ޕާޓީއެއްކަމަށްވާ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޑީޕީ) ގެ ލީޑަރެވެ. ޝޯލްޒްސް މަގާމާ ހަވާލުވެ ވަޑައިގަތުމާއެކު ކުރީގެ ޗާންސެލާ އެންގެލާ މާކެލްގެ 16 އަހަރުވީ ވެރިކަން ވަނީ ނިމުމަކަށް އައިސްފައެވެ.

ފާއިތުވި 16 އަހަރު ޖަރުމަނުގައި ބޭއްވި އާންމު އިންތިޚާބުތައް ކާމިޔާބުކޮށްފައިވަނީ މާކެލް ގެ ކްރިސްޓިއަން ޑިމޮކްރެޓިކް ޔުނިއަން (ސީޑީޔޫ) އިންއާއި ޝޯލްޒް ގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޑީޕީ) ގުޅިގެންނެވެ. ނަމަވެސް މިދިޔަ އެންމެފަހުން ބޭއްވި އާންމު އިންތިޚާބު (މިދިޔަ ސެޕްޓެންބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބު) ގައި މާކެލްގެ ޕާޓީކަމަށްވާ ކްރިސްޓިއަން ޑިމޮކްރެޓިކް ޔުނިއަން (ސީޑީޔޫ) އަށް ލިބުނު ގޮނޑި މަދުކަމުން އެކޯލިޝަނަށްވަނީ ޖަރުމަނުގެ ޕާލަމެންޓްގެ އަޣުލަބިއްޔަތު ގެއްލިފައެވެ.

މިއާއެކު ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޑީޕީ) ން ވަނީ މާކެލްގެ ޕާޓީއާ ނުލައި ކޯލިޝަނެއް އުފެއްދުމަށް މަސައްކަތްކޮށްގެން އެޕާޓީއާއި ދަ ގްރީންސް ޕާޓީއާއި، އަދި ފްރީ ޑިމޮކްރެޓްސް (އެފްޑީޕީ) ގުޅިގެން ކޯލިޝަނެއް އެކުލަވާލާފައެވެ.

މި ކޯލިޝަނަށް ޖަރުމަނުގެ ޕާލަމެންޓްގެ އަޚްލަބިއްޔަތު ލިބުމާއެކު ޕާލަމެންޓްގައި ވޯޓެއް ނަގައި ޗާންސެލަރުކަމުގެ މަގާމަށް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޑީޕީ) ގެ ލީޑަރު އޯލާފް ޝޯލްޒް އިންތިޚާބު ކުރީއެވެ. ޝޯލްޒް އެމަގާމަށް އިންތިޚާބު ކުރިނަމަވެސް މަގާމާ ހަވާލުވެވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެއީ އެންގެލާ މާކެލްގެ ޗާންސެލަރު ކަމުގެ މުއްދަތުހަމަވުމާ ގުޅިގެންނެވެ.

އޯލާފް ޝޯލްޒް އަކީ މާކެލް ގެ ވެރިކަމުގައި ޖަރުމަނު ސަރުކާރުގެ ވަޒީރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެންމެފަހުން އޭނާ ހުންނެވީ މާކެލްގެ ނައިބަކަށެވެ.

ޝޯލްޒް އަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޖަރުމަނުގެ ވެރިކަން ކުރައްވާ ނުވަވަނަ ޗާންސެލަރެވެ. ޝޮލްޒްސަކީ ޔޫރަޕްގެ އިއްތިޙާދުގެ އެއްބައިވަންތަކަމަށާއި ތިމާވެއްޓަށް އިސްކަންދޭ ސިޔާސަތުތަކެއް ގެންގުޅުއްވާނެ ބޭފުޅެއް ކަމަށްވަނީ ބެލެވިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ތިން ޕާޓީ ގުޅިގެން އުފައްދާފައިވާ ކޯލިޝަނަކުން ޖަރުމަނުގައި ވެރިކަންކުރާ ފުރަތަމަ ފަހަރެވެ.

ވާތުފިޔައިގެ މެދުމިނުގެ ފިކުރެއް ގެންގުޅޭ މި ކޯލިޝަނުގެ ވެރިކަމުގައި ޖަރުމަނުން ޔޫރަޕާ އަދި ދުނިޔެއާއެކު ބާއްވާ ގުޅުންތަކާ އަދި ގެންގުޅޭނެ ސިޔާސަތުތައް އެންގެލާ މާކެލް ގެ ކޯލިޝަނުން ގެންގުޅުނު ސިޔާސަތާ ތަފާތުވާނެކަމަށް މުހައްލިލުން ދެކެއެވެ.

އެންގެލާ މާކެލް ގެ ޕާޓީކަމަށްވާ ކްރިސްޓިއަން ޑިމޮކްރެޓިކް ޔުނިއަން (ސީޑީޔޫ) އަކީ ކަނާތުފިޔައިގެ މެދުމިނުގެ ފިކުރުގެ ޕާޓީއެކެވެ. މާކެލް ގެ ޒައާމަތުގައި އެޕާޓީ 16 އަހަރުވަންދެން ޖަރުމަނުގައި ވެރިކަންކުރީ އިއްޔެ މަގާމާ ހަވާލުވެ ވަޑައިގެންނެވި އޯލާފް ޝޯލްޒް ގެ ޕާޓީކަމަށްވާ ސޯޝަލް ޑިމޮކްރެޓްސް (އެސްޑީޕީ) އާއެކު ކޯލިޝަނެއް ހަދައިގެންނެވެ.

އެހެންކަމުން އޯލާފް ޝޯލްޒް ހުންނެވީ މާކެލްގެ ނައިބަކަށެވެ. ނަމަވެސް އެދެބޭފުޅުންނަކީ ސިޔާސީ ފިކުރުގެ ގޮތުން ތަފާތު ދެބޭފުޅުންނެވެ.