މި އަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހް، ކ. ގާފަރަށް އިއްޔެ ފެށްޓެވިދެ ދުވަހުގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސުލްގެ މި ދަތުރުފުޅުގައި، ގާފަރުގައި ސަރުކާރުން ގާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީގޮތުން ވަނީ ހުޅުއްވައިދެއްވާފައެވެ.

41 ވަނަ މަސްވެރީންގެ ދުވަހު، ގާފަރުގައި ބޭއްވި މަސްކެނޑުމުގެ މުބާރާތް، ރައީސް، އަދި ނައިބު ރައީސް ބައްލަވައިލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެ ސަރަހައްދުގެ ގިނަ މަސްވެރިންނަށް އައިސް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގާފަރުގައި ގާއިމުކޮށްފައިވާ 3.5 މިލިއަން ރުފިޔާގެ މި އައިސް ޕްލާންޓަކީ 50 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއާއެކީ ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން މިފްކޯއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ.

މީގެ އިތުރުން ވެސް ރައީސް، ވަނީ ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ގާފަރުގައި ބޭއްވި މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވަފައެވެ. އަދި މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރައްވައި، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގާފަރުގައި ބޭއްވެވި ރަސްމީ ޖަލްސާ ވެސް ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ.

41 ވަނަ މަސްވެރިންގެ ދުހަވު، ގާފަރުގައި ބޭއްވި ކާބޯތަކެތީގެ މައުރަޒަށް ރައީސް، އަދި ނައިބު ރައީސް ޒިޔާރަތް ކުރެއްވުން ---ފޮޓޯ/ ރައީސް އޮފީސް

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް، ވަނީ މިސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ޓަކައި ކޮށްފައިވާ މަސައްކަތްތަކާއި މަސްވެރިކަމުގެ ސިޔާސަތާ ގުޅޭ ގިނަ ވާހަކަފުޅުތަކެއް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ވެސް މި ހަރަކާތްތަކުގައި ބައިވެރިވެވަޑަިގެންނެވިއެވެ. އަދި، ނައިބު ރައީސް ވަނީ ގާފަރު ބަނދަރު ސަރަހައްދުގައި ބިނާކޮށްފައިވާ މޮނިއުމެންޓް ހުޅުއްވައިދެއްވާފައެވެ.

މި ދަތުރުފުޅުގެ ބައެއްގެ ގޮތުން ރައީސް ވަނީ ވަނީ ގާފަރުގައި ގާއިމްކޮށްފައިވާ ޕޮލިސް ޕޯސްޓަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލެއްވުމަށްފަހު، ގާފަރު ކައުންސިލާއި އަންހެންނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމަށްފަހު، އެމަނިކުފާނު ވަނީ ގާފަރުގެ ހެލްތް ސެންޓރަށް ޒިޔާރާތްކުރައްވާފައެވެ.

އެމަނިކުފާނުގެ އަރިހުގައި ރައިބު ރައީސް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.