ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ގއ. ދާންދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ މި ސަރުކާރުން ދާންދޫގެ ތަރައްގީއަށް ވަރަށް ގިނަ މަޝްރޫއުތަކެއް އަލަށް ފަށާފައިވާކަން އުފަލާއެކު ފާހަގަކުރައްވައި، މިއީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމަނައިގެން މިވީހާ ތަނަށް ނުހިންގޭހާ ގިނަ މަޝްރޫއުތަކެއް ކަމުގައި ވިދާޅުވެ އެކަމަށް ޓަކައި ޝުކުރުއަދާކުރައްވައިފައެވެ.

ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކޮށްފައެވެ.

މިގޮތުން ކައުންސިލަރުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި، ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް ދާންދޫގައި ގެދޮރު އިމާރާތް ކުރުމަށް ސަރުކާރުން އެހީތެރިކަން ބޭނުންވާކަމަށް ދެންނެވިއެވެ.

އޭގެ އިތުރުން މީހުން ދިރިއުޅޭ ހިސާބެއްގައި އިންޖީނުގެ އިމާރާތް ބިނާކޮށްފައިވުމުން ދިމާވާ ދަތިތަކާއި، ރަށުގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓްގެ ހިދުމަތް އަވަސް އަވަހަށް މެދުކެނޑެމުންދާތީދިމާވާ ދަތިތަކުގެ އިތުރުން ރަށުގައި އަލަށް ތަރައްގީކުރަމުންދާ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ބޭނުންވުން ހިމެނެއެވެ.

ކައުންސިލުން ފާހަގަ ކުރި ކަންތައްތަކުގެ ތެރޭގައި ދާންދޫ ސްކޫލްގައި އޭ ލެވެލް އަށް ކިޔަވައިދުމަށް ފެށުމާއެކު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށާއި، ބޭންކިންގ ހިދުމަތް ބޭނުންވާކަމަށާއި، ހުވަދު އަތޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް އޮތުމަށް ރައްޔިތުން އެދޭކަމުގައި ކައުންސިލަރުން ފާހަގަ ކުރިއެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ ޖުމްލަކޮށް ރަށުގެ ތަރައްގީގެ ކަންކަން ރަނގަޅު ނަމަވެސް ސިްހީ މަރުކަރުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ބޭނުންވާކަމުގައި ފާހަގަ ކުރައްވާފައެވެ.

ކައުންސިލުން ވަނީ އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ބަލައިގަންނަ ކަމުގައި ވިދާޅުވެ އެކަމަށްޓަކައި ރައީސްްއަށް ޝުކުރު އަދާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަށުގެ ތަރައްގީއަށް ރާވާފައިވާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި ބޯހިޔާވަހިކަމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯން ސްކީމެއް މިހާރުވެސް އޮތްކަން. ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ރައީސް، ވަނީ ކައުންސިލަރުން ފާހަގަކުރި ކަންކަމުގައި ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދާންދޫ ދާއިރާގެ މަޖްލިސް މެންބަރު ޔައުގޫބް އަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ.