13 Dec 2021, 22:48
ފުވައްމުލަކު ސިޓީގެ ބަނދަރު ސަރަހައްދުގައި ދޫޑިގަން އަވަށުގައި އިމާރާތްކުރާ އާ މިސްކިތުގެ ބިންގާ ނައިބު ރައީސް ފައިސަލް ނަސީމް އަޅުއްވައިދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން ބައެއް ވަޒީރުންނާއި، ފުވައްމުލަކު ސިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މިސްކިތުގެ ބިންގާ އެޅުމުގެ ގޮތުން މިއަދު ހަވީރު ފުވައްމުލަކު ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި އެ ސިޓީގެ ބަނދަރު ސަރަހައްދުގައި މިސްކިތެއް ބިނާކުރުމަކީ ވަރަށް ގިނަ އަހަރުތަކެއް ކުރިން ފެށިގެން އެ ސިޓީގެ ރައްޔިތުން ކުރަމުންއައި އިންތިޒާރެއްކަމުގައި ވިދާޅުވިއެވެ.
މި މިސްކިތް ހުޅުވުމާއެކު އަޅުކަންކުރުމަށް މިސްކިތުގެ ފުރިހަމަ ބޭނުންކުރުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ދީނީ ކަންކަން ކުރިއެރުމާއި އަދި ގައުމުގެ ތަރައްގީގެ ކަންކަމުގައި ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ.

ފުވައްމުލަކުގައި އިމާރާތްކުރާ އާ މިސްކިތުގައި ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ފުވައްމުލަކު ސިޓީގެ ބަނދަރު ސަރަހައްދުގައި މިއަދު ބިންގާ އެޅި މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ މިސްކިތެކެވެ. ޖުމްލަ 500 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތް ކުރުމުގެ މަސައަކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ހަވާލުކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ޒަމާނީ ޑިޒައިނަކަށް އިމާރާތްކުރާ މި މިސްކިތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަސްތެރޭގައެވެ.

ފުވައްމުލަކުގައި އިމާރާތްކުރާ އާ މިސްކިތުގައި ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
މިސްކިތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތަށްފަހު ނައިބު ރައީސް ވަނީ ފުވައްމުލަކު ބަނދަރަށް ޒިޔާރަތްކުރައްވައި ބަނދަރު ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފުވައްމުލަކު އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ވެސް ބައްލަވާލައްވާފައެވެ.