14 Dec 2021, 09:23
ޖެނީވާ (ޑިސެމްބަރު 14) : މިހާރު ފެތުރެމުންދާ ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓަކީ ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށްވުރެ ހަލުއިކަމާއެކު ފެތުރޭ އަދި އެއަށް ވެކްސިންގެ އަސަރުކުރާ މިންވަރު ދަށް ވޭރިއަންޓެއްކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.
އެ ޖަމްއިއްޔާއިން ބުނީ އޮމިކްރޯން ވޭރިއަންޓް ދުނިޔޭގެ 63 ގައުމަކަށް ފެތުރިފައިވާކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި ނަމަވެސް އެއަށްވުރެ ގިނަ ގައުމުތަކުގައި އެ ވޭރިއަންޓް އުޅޭނެކަމަށް ބެލެވޭ ކަމަށެވެ.
އޮމިކްރޯން އަކީ ކޮވިޑް ވެކްސިންގެ އަސަރު އެއަށްކުރާ މިންވަރުކުޑަ ނުވަތަ ވެކްސިންއަށް އެހާބޮޑަށް ރެސްޕޮންސް ނުކުރާ ވޭރިއަންޓެއް ކަމަށް ބެލެވިފައިވީ ނަމަވެސް އެކަމާބެހޭގޮތުން ސައިންސްވެރިން ކުރާ ދިރާސާތަކުގެ ފުރިހަމަ ނަތީޖާ އަދި ނުނެރެވޭކަމަށް އިލްމީ ރިޕޯޓްތައް ބުނެއެވެ.
އޮމިކްރޯން ފެތުރޭލެއް އެހެން ވޭރިއަންޓްތަކަށްވުރެ ހަލުއިވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމާއި އަދި ވެކްސިންގެ ސަބަބުން އުފެދިފައިވާ ދިފާއީ ނިޒާމުގެ ތެރެއިން އެވޭރިއަންޓް ބަލިކޮށްނުލެވޭތީކަން ނޫނީ ގައިން ގަޔަށް އެރުމުގެ ގާބިލްކަން އެވޭރިއަންޓްގައި އިތުރުވުމުގެ ސަބަބުންކަން އަދި އިލްމީގޮތުން އަދި ކަށަވަރު ވެފައެއް ނުވެއެވެ.
ނަމަވެސް މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބަލާއިރު ކޮވިޑުން ދިފާއުވުމަށް މިހާރު ޖަހަމުން އަންނަ ވެކްސިންތަކުގެ ބާރު ދަށް ކޮށްލުމުގެ ގާބިލްކަން، ކޮންމެވެސް ވަރަކަށް އޮމިކްރޯން ވޭރިއަންޓަށް ލިބިފައިވާކަމަށް ސައެންސްވެރިން ކަށަވަރުކޮށް ދެއެވެ.
ބޭހާއި ވެކްސިން އުފައްދާ އެމެރިކާގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުންޏެއްކަމަށްވާ ފައިޒާ އިންކޯޕަރޭޝަނުން ބުނެފައިވަނީ އޮމިކްރޯން އަށް އެންމެ ރަނގަޅު ވާނެކަމަށް ބެލެވެނީ އެއަށް ޚާއްސަކޮށްގެން ކޮވިޑްގެ އައު ވެކްސިންއެއް އުފެއްދުމެވެ. އެކަމަށް ހަދަންޖެހޭ ޕްރައިމަރީ ދިރާސާތައް މިހާރު ކުރިޔަށްގެންދާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އަންނަ މާޗް ނޫނީ އެޕްރީލް މަހުގެ ތެރޭގައި އޮމިކްރޯން ވޭރިއަންޓަށް ޚާއްސަ ވެކްސިން އެއް ބާޒާރަށް ނެރެވޭނެކަމަށްވެސް ފައިޒާ ކުންފުނިން ބުނެފައިވެއެވެ.
ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށްވުރެ އޮމިކްރޯން ފެތުރޭލެއް އަވަސްވެފައި ވެކްސިން އިން އެއަށްކުރާ އަސަރު ކުޑަކަމަށް ރިޕޯޓްތައް ބުނިނަމަވެސް ކޮވިޑްގެ ޑެލްޓާ ވޭރިއަންޓަށްވުރެ އޭގެ ބާރު ކުޑަކަމާއި އަލާމާތްތައްވެސް ކުޑަކަމަށް ޑަބްލިޔުއެޗްއޯ އާ އަދި ރީސާޗަރުންވެސް ބުނެފައިވެއެވެ.
ނަމަވެސް ބާރަށް ފެތުރި ގިނަބަޔަކަށް އޮމިކްރޯން ޖެހޭއިރު އޭގެތެރޭގައި އެހެންބަލިތަކުގެ ސަބަބުން ހަށިގަނޑު ވަރުދެރަވެފައިވާ މީހުން ހިމެނޭނެތީ އޮމިކްރޯން ބޮޑަށް ފެތުރިއްޖެނަމަ މަރުވާ އަދަދު ނުވަތަ މަރުގެ އިންސައްތަ ބޮޑުވާނެ ކަމަށް އެފަރާތްތަކުން ދެކެއެވެ. އޮމިކްރޯން ވޭރިއަންޓް އެންމެ ހަލުވިކޮށް ފެތުރެމުން ދަނީ ދެކުނު އެފްރިކާގައާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައެވެ.