މީގެ ހަތް އަހަރުކުރިން ލ. މުންޑޫ، ނޫވިލު, އަލީ ޒިޔަދަމް މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ދެ މީހުންގެ މައްސަަލަ ނިމުމަކާ ހަމައަށް އައިސްފިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް، ދެ މީހަކު އައިސް ޒިޔަދަމްގެ ފަލަމަސްގަނޑަށް އަށް އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށް ބުނެ ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫން އާއި ހަމަ އެ ރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.

ގާޒީން ބަދަލުވުމާއި އެހެނިހެން ސަބަބުތަކާ ހެދި ދިގުލައިގެން ގޮސްފައިވާ މައްސަލައިގައި, މިއަދު ވަނީ ހެކިބަސް ނަގާ ނިންމާލާފައެވެ. ދެން އޮންނާނީ ހުކުމް ކުރުމުގެ ކުރިން އެއް އަޑުއެހުމެވެ. އެއީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ.

ޒިޔަދަމްގެ މަރުގެ މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން ----

"ހުލާސާ ބަޔާން އިއްވަން ތާވަލްކުރާ ދުވަހު ފުރަތަމަ ހެއްކާ ބެހޭ ގޮތުން ހުލާސާ ގޮތެއްގައި ވާހަކަ ދައްކާފައި ދެން ހުލާސާ ބަޔާން އިއްވުން ކުރިއަށް ގެންދާނީ," މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.

މި މައްސަލައަކީ ވަރަށް ދުވަސްވީ ބޮޑު މައްސަލައެއްކަން ފާހަގަކޮށް ގާޒީ ޝަފީއު ވިދާޅުވީ, ދެކެވިފައި ހުރި ވާހަކަތައް އަޑުއެހުމަށް ކޮންމެ ފަހަރަކު ރިކޯޑިން އަޑުއެހުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި މުހިންމު ވާހަކަތައް ލިޔެފައި ބަހައްޓަން ޖެހޭ ކަމަށެވެ.

އަލީ ޒިޔަދަމް، މުންޑޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެތަނުން އޭނާ ބެލި ޑޮކްޓަރު ވަނީ ބުނެފައެވެ. އޭނާގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުން ފުން ޒަހަމްތަކެއް ހުރި ކަމަށް ވެސް އޭރު ޑޮކްޓަރު ވަނީ ބުނެފައެވެ.