17 Dec 2021, 17:59
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި އެ މަނިކުފާނުގެ އުފަން ރަށް، ރ. އުނގޫފާރުގައި އިމާރާތްކުރި އިސްލާމީ މަރުކަޒު މިއަދު ހުޅުވައިފިއެވެ.
އުނގޫފާރު އިސްލާމީ މަރުކަޒު 'މަސްޖިދު އައްދުކްތޫރު އަފްރާޝިމް އަލީ' ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.
އިސްލާމީ ތައުލީމު ދޭ މަރުކަޒެއް ބިނާކުރުމުގެ މަގުސަދުގައި އިމާރާތް ކޮށްފައިވާ މި މިސްކިތުގައި ހަތަރު ކުލާސް ރޫމާއި ލައިބްރަރީ އަދި ޕޭންޓްރީއެއްގެ އިތުރުން އެޑްމިން އޮފީހަކާއި ޖަލްސާކުރާ ހޯލެއް ހިމެނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ރ.އުނގޫފާރުގައި އިމާރާ ތްކޮށްފައިވާ އިސްލާމީ މަރުކަޒު ހުޅުވުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ދެ ފަންގިފިލާއަށް ހަދާފައިވާ މި މިސްކިތުގައި ނަމާދު ކުރުމަށް ކަނޑައަޅާފައިވާ 5380 އަކަފޫޓު ސަރަހައްދުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެ ކަމަށާއި އަންހެނުންނަށް ވަކިން ވުޟޫ ކުރުމާއި ނަމާދު ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައި ވާކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ.
މި މަރުކަޒު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ މާރިޗު 2، 2017ގައެވެ. އަދި ހަމަ އެދުވަހު އަމަލީ މަސައްކަތް ފެށި މި މިސްކިތުގެ މަސައްކަތް ނިމިފައިވަނީ ޖަނަވަރީ 10، 2020 ދުވަހުއެވެ.
މިއީ ދިވެހި ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ހަރުދުކޮށްގެން އިމާރާތް ކޮށްފައިވާ މަރުކަޒެކެވެ.