ރާއްޖެއަށް ފާއިޒާގެ އިތުރު 100،620 ވެކްސިން ޑޯޒް ގެނެސްފިއެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ފައިޒާގެ އިތުރު 100،620 ޑޯޒު ވެކްސިން ލިބިފައިވާ ކަމަށް ރާއްޖޭގައި ހުންނަ ޔުނިސެފްގެ އޮފީހުން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

މި ހަދިޔާކުރި ވެކްސިންގެ ސަބަބުން ރާއްޖޭގައި ވެކްސިން ޖަހަން ބޭނުންވެފައި ތިބި މީހުންނަށާއި ބޫސްޓާ ޑޯޒް ޖެހުމަށް ކުރާ މަސައްކަތަށް އެހީތެރިކަން ލިބޭނެކަމަށް ޔުނިސެފުން ބުންޏެވެ.

ވެކްސިންގެ އިތުރު ޑޯޒް ލިބުމުން ބޫސްޓާ ޑޯޒް ޖެހުމަށް އާއްމުކޮށް ހުޅުވާލާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވީނަމަވެސް އަދި މިވަގުތު ބޫސްޓާ ޑޯޒް ޖެހޭނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނާއި 50 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނައް އެކަންޏެވެ.

ބޫސްޓާ ޑޯޒު ޖެހޭނީ ދެ ވަނަ ޑޯޒަށްފަހު ހަ މަސް ދުވަސްވެފައިވާ މީހުންނަށެވެ. ރާއްޖޭގައި މިހާތަނަށް 396،358 މީހުން ފުރަތަމަ ޑޯޒް ޖަހައިފައިވާއިރު 366،165 މީހުން ވަނީ ދެވަނަ ޑޯޒް ޖަހައިފައެެވެ. އަދި ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 22.093 އަށް އަރައެވެ.